ޚަބަރު
ހުތުރު ލަގަބުތަކުން ގޮވުން ވަނީ ނަހީ ކުރައްވާފައި: މައުމޫން
މުއުމިން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށް ކުރީގެ ރައީސް / ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ވެރިންނަށް ނިސްބަތްކޮށް ވަނަން ކިޔުމަށް ހިތްވަރު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުން މާތްﷲ ނަހީކުރައްވާފައިވާ ކަމަށާއި އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

"މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބުތަކުން ގޮވުން މާތް ﷲ ވަނީ ނަހީ ކުރައްވާފައި . އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބައްލަވާ،" އެ ބަހުސްގެ ތެރެއަށް ވަންނަވަމުން، ނޮވެމްބަރު، 1978 އިން ނޮވެމްބަރު، 2008، އާ ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.

މިއަދު މެންދުރު 2:40 ގައި މައުމޫން ކުރެއްވި ޓުވީޓު 13،000 އަށް ވުރެ ގިނަ މީހުންނަށް ފެނިފައިވާއިރު 50 އަށް ވުރެ ގިނަ މީހުން އެ ޕޯސްޓަށް ކޮމެންޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން ވަނީ މައުމޫނަށް ފާޑުކިޔައިފަ އެވެ.

ރައީސް ނާސިރަށް އަމާޒުކޮށް ލަވަ ހަދަން ފެށީ މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ބަގާވަތެއް ގެންނަން އުޅޭކަމުގެ އަޑު ފެތުރުމުން އެއަށްފަހެވެ. ބޭރުގެ ބަޔަކާ ގުޅިގެން ބަޔަކު ބަގާވާތެއް ކުރަން އުޅުނު ކަމަށް މައުމޫނު ބޭރުގެ ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވި އެވެ. އޭގެ ފަހުން، ރައީސް ނާސިރަށް ހެދި ދަށު ދަރަޖައިގެ ލަވަތައް ގައުމީ ރޭޑިއޯ ދިވެހިރާއްޖޭގެ އަޑުން ވެސް ފޮނުވި އެވެ. 

ރައީސް ނަޝީދު އިއްޔެ ވިދާޅިވި ގޮތުގައި އެ މަނިކުފާނު ހަނދާން ކޮށްދޭނަން ބޭނުންވެ ވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް "ކަރުކުރު ބައިސާ" އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް "ގޮޅާބޯ" އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ގަންޖާބޯ" އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް "ބާޣީ ވަހީދު" އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ރާނގޮނޑި ރާޖާ"، އެ ނަންތައް ރައްޔިތުންގެ މަޖިލީހުގަ އާއި އަދި ރާއްޖޭގެ އެހެން އެތައް ތަނެއްގައި އެކި ގޮތް ގޮތަށް ކިޔާ ގޮވާ ހަދާފައިވާ ކަމަށާއި ގޮވަމުން ގެންދާ ކަމަށެވެ.

"މިއަދު 'ޗޯރު އިބުރޭ' ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރު ކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވަނީ އެއީ ޑިމޮކްރެސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ" ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު