ވިސާއާ ނުލައި ދިވެހިންނަށް ގެމްބިއާ އަށް ދެވޭނެ ގޮތް ހަމަޖައްސައިފި
ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގެމްބިއާއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދުރާލާ ވިސާ ނުނަގައި ދިވެހިންނަށް ގެމްބިއާ އަށް ދެވޭ ގޮތަށް، ރާއްޖެ އާއި އެ ގައުމާ ދެމެދު ވިސާ ލުއިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ދިވެހި އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސައުދީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލެވެ. އަދި ގެމްބިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ސައުދީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު ޖިބްރީލް ސޮލާހެވެ.

އެ ރަސްމިއްޔާތުގައި ގެމްބިއާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހަލީލް ޝުކުރު އަދާކުރެއްވެވި އެވެ. ހަލީލް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭ މަގުތައް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ގެމްބިއާގެ ސަފީރު ސަލާ ވިދާޅުވީ ރާއްޖެއާއި ގެމްބިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ރާއްޖެއާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ވިސާ އާއި ނުލައި ދެ ގައުމުގެ ރައްޔިތުންނަށް 30 ދުވަސް ވަންދެން އެތެރެވެވޭނެ އެވެ.

ގަމްބިއާ އަކީ ހުޅަނގު އެފްރިކާގެ ކުޑަ ގައުމެކެވެ. އެ ގައުމު މަޝްހޫރުވެފައިވަނީ ގަމްބިއާ ކޯރުގެ ވަށައިގެންވާ ތަފާތު އިކޯސިސްޓަމްތަކުގެ ސަބަބުނެވެ. ރާއްޖެ އާއި ގަމްބިއާއި ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމުކުރެވުނީ 3 ޖުލައި 1989 ގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު