ޚަބަރު
ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތުގައި އުޅުން ހުއްދަ
ޝަރުއީ ދާއިރާ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކުގެ މެންބަރުކަން ކުރެވޭނެ ގޮތަށް އެ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ހިމަނައި އާއްމުކޮށްފިއެވެ.

ޝަރުއީ ދާއިރާގައި 2011 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ މުވައްޒަފުންގެ ގަވާއިދުގައި އެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ބައިވެރިވުން މަނާކޮށް، ހާއްސަ ބާބެއް މިހާތަނަށް އެވެ.

އެ ގަވާއިދުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ ކާމިޔާބީ އާއި ކުރިއެރުމާއި އަދި އެފަދަ މީހެއްގެ ކުރިއެރުމަށް ހުރަސް އަޅާ ހުރިހާ ކަމަކުން ޝަރުއީ ދާއިރާގެ މުވައްޒަފުން އެއްކިބާ ވާން ޖެހެ އެވެ.

ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާ ކުރުމާއި ޕާޓީއެއްގެ ގުނަވަނެއްގެ މެންބަރަކަށް ވުމާއި ޕާޓީތަކުން ތައްޔާރުކުރާ ޕެޓިޝަންތަކުގައި ސޮއި ކުރުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިހާތަނަށް މަނަލެވެ.

މިހާރު އަމަލުކުރަން ފަަށާފައިވާ ކޯޑް އޮފް ކޮންޑަކްޓުގައި ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައް 'ޝަރުއީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމާއި އިތުބާރު ދެމެހެއްޓުން' މާއްދާގެ ތެރޭގައި ހިމަނާފައިވެއެވެ.

އެ މާއްދާގައި ބުނެފައިވާގޮތުގައި އެއްވެސް މުވައްޒަފެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެގޮތުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި އެ ދާއިރާއަށް ރައްޔިތުންކުރާ އިތުބާރަށް އުނިކަން އަންނާނެ ކަންކަން ކުރުމުން ދުރުހެލިވާންވާނެ ކަމަށް ބުނެފައިވެއެވެ.

އެ މާއްދާގައި ވަނީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވެވިދާނެ ކަންތައްތަކެއް ހިމަނާފައެވެ.

އެގޮތުން ހުއްދަކޮށްފައިވާ ކަންކަން:

  •  ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވުން
  •  ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން
  •  އަމިއްލައަށް ވޯޓުލާ މަރުކަޒަށް ހާޒިރުނުވެވޭ ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ހާޒިރުވުމުގައި އެހީތެރިވެދީ އުޅުން
  •  އާއްމުންގެ މެދުގައި ބައިބައިވުން އުފެދިފައި ނުވާ ނުވަތަ އުފެދިދާނޭ ކަމަށް ނުބެލެވޭ އަދި އެ ކަމެއްގައި އުޅުމުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުވަތަ އެ ދާއިރާއަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރުނުކުރާނޭ ނުވަތަ ނަޒާހާތްތެރިކަމާ މެދު ސުވާލު ނުއުފެދޭނެ ފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން
ކޯޑް އޮފް ކޮންޑަކްޓްގައި އެ ބައި ހިމަނާފައި ވަނީ "ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން" މާއްދާގެ ދަށުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު