
މިއަދު މި ތައާރަފުކުރެވުނު "ވަންގަވް" ވިއުގައިގެ ތެރެއިން އެ މީހަކު ހުރި ތަނަކުން ކޮންމެ ވަގުތެއްގައި ވެސް ސަރުކާރުގެއޮފީސްތަކުން ދެމުންގެންދާ ކޮންމެ ޚިދުމަތަކަށް ވެސް އެދިލެއްވޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.ވަންގަވް ވިއުގައަކީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ޚިދުމަތްތައް އާއްމުންނަށް ލިބޭގޮތަށް ތައްޔާރުކުރެވިފައިވާ ވިއުގައެކެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ "ވަންގަވް" އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ރާއްޖެފަދަ ޖަޒީރާވަންތަ ޤައުމަކަށް މުހިންމު ޕްލެޓްފޯމެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ވަންގަވްގެ ޚިދުމަތްތަކަށް ހަފްތާގެ 7 ދުވަހު 24 ގަޑިއިރު އެދެވޭނެކަން ފާހަގަކުރައްވައި ވަންގަވްގެ ތެރޭން ލިބިގެންދާނެ ލުއިފަސޭހަތަކަށް އަލިއަޅުވާލައްވާ ރައީސް ވަނީ ހުރިހާ ރައްޔިތުން ވެސް މިހިދުމަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.ވަންގަވްގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ހަނިވެ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.މާލޭގައި ހުންނަ ސަރުކާރުގެ އޮފީހަކުން ޚިދުމަތް ހޯދުމަށް ކަނޑު ހުރަސްކޮށް ރަށްރަށުން މީހުން އަންނަންޖެހޭ އައުން މިއަދު ނިމުމަކަށް ގެނެވި ރައްޔިތުންނަށް ފަސޭހަ ކަމާއެކު އެހިދުމަތްތަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.މިއަދު ވަންގަވް އިފްތިތާޙްކޮށްފައި ވަނީ 6 އިދާރާއެއްގެ ޚިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ޚިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެއެވެ.ވަންގަވްގެ ޚިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމްކޮށްފައިވެއެވެ.ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންގަވްގެ ތެރޭން ލިބޭ ލުއިފަސޭހަތަކުގެ ބޭނުން ހިފުމަށް ވީހާވެސް ގިނަ ރައްޔިތުން "އީފާސް" ހެދުމަށް އިލްތިމާސްކުރައްވާފައެވެ. ވަންގަވްގެ ހޮޓްލައިން ނަންބަރަކީ 1500 އެވެ.މި ހޮޓްލައިން އަށް ގުޅުމުން ސަރުކާރުގެ އޮފީސް ތަކުން ދެމެން ގެންދާ ހުރިހާ ޚިދުމަތްތަކުގެ މައުލޫމާތު ލުއި ފަސޭހަ ކަމާއެކު ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.