ޚަބަރު
ޕީޖީ ލީޑަރު އަސްލަމް އެދެނީ ރައީސަށް އާ ދައުރެއް ދިނުމަށް
އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދޭން އަތުކުރި އޮޅާލުމަށް އެމްޑީޕީގެ މެމްބަރުންނަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އަސްލަމް ފާހަގަކުރެއްވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ކޮވިޑްގެ ވަބާ އާއި ޔޫކްރެއިން ހަނގުރާމަ ތެރޭ ވެސް ރާއްޖޭގެ އިގުތިސޯދު, އެހެން ގައުމުތަކުން ވެސް ތައުރީފު ކުރާ މިންވަރަށް ދެމެހެއްޓެވިކަން އަސްލަމް ފާހަގަކުރެއްވި އެވެ.

"...މި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ސޯލިހަށް އިތުރަށް ދައުރެއް ދޭން އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައި މަސައްކަތް ކުރުމާ ހިންގަވާށޭ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ," އަސްލަމް, އެހެން ވިދާޅުވުމާއެކު އެ ތަނުގައި ތިބި ގިނަ ކޮންގްރެސްމަނުން އަތްޖެހި އެވެ.

އަސްލަމް މިހެން ވިދާޅުވިއިރު މިރޭ ފެށި އެމްޑީޕީގެ ކޮންގްރެސް އަށް ފަހު ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށް އެމްޑީޕީން މިއަދު ވަނީ ބުނެފަ އެވެ. 

މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީގައި ވާދަކުރައްވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު ވެސް ހުންނެވި ޕްރައިމަރީގައި ވާދަކުރައްވާ ގޮތަށެވެ.

އެހެން ނަމަވެސް އެއަށް ވުރެ ބޮޑަށް ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރަކަށް ވުމަށެވެ. ނަޝީދު ވަނީ އެ ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅައިފަ އެވެ. 

މިރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަށް އަހަރަށް ދާއިރު މިހާރު އޮތް އިއްތިހާދު މިގޮތުގައި އޮންނާނެ ކަމަށް ދެކިއްޖެ ނަމަ, އެ ތިބެވެނީ އަވާމެންދުރެއްގައި ކަމަށެވެ.

"...މިއީ 2018 ވަނަ އަހަރެއް ނޫން, އެ ދުވަހު އަޅުގަނޑުމެން އިންތިހާބަށް ނުކުތްއިރު ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ހައްޔަރުކޮށްފައި, ހަމައެކަނި ހުންނެވީ ރައީސް ޔާމީން ގިނިކަންޏާ, މިއަަދު ތިޔަބޭފުޅުންގެ މަސައްކަތުން ރާއްޖޭގެ ވެރިކަން އަނެއްކާވެސް އަމާން ކުރެވިއްޖެ, ސިޔާސީ މަސައްކަތް ހިންގުމުގެ ފުރުސަތު ހޯއްދަވައިފި," ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ތިބި ކޯލިޝަންގެ ހުރިހާ ލީޑަރުން ވެސް މިހާރު އެ ތިބީ މިނިވަންކޮށް ކަމަށާއި އެ ބޭފުޅުން އެ ގެންދަވަނީ ބުރަކޮށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.

ރިޔާސީ ޓިކެޓާއި މެދު މިހާރު ވެރިކަމުގައި އޮތް އެމްޑީޕީން ކޯޅެމުން އަންނައިރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވަނީ ރަމްޒީ ރިޔާސީ ޓިކެޓެއް ހަވާލުކޮށްފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު