ޚަބަރު
ކޮންގްރެސްއަށް ފަހު ރިޔާސީ ޕްރައިމަރީ އޮންނާނެ: އެމްޑީޕީ
މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސް އަށް ފަހު ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށާއި ކޮންގްރެސް ތެރޭގައި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރުމުގެ ހުށަހެޅުމެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު މިއަދު ނޫސްވެރިންނާ ހިއްސާކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ރިޔާސީ ޕްރައިމަރީއާ ގުޅޭ އެއްވެސް މައްސަލައެއް ކޮންގްރެސްގެ އެޖެންޑާގައި ނެތް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ބޭފުޅަކަށްވީ ނަމަވެސް ޕާޓީގެ ރިޔާސީ ޓިކެޓް އޮޓޮމެޓިކުން ލިބޭނެ ގޮތެއް ޕާޓީގެ އަސާސީ ގަވައިދުގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ކޮންގްރެސްގެ ފަހުން އާންމުކޮށް އިއުލާންކޮށްގެން ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީ ފަހުގެ ތާރީހެއްގައި އޮންނާނެ ކަމުގެ ޔަގީންކަން އަހްމަދު ދެއްވެވި އެވެ.

އެމްޑީޕީން ރިޔާސީ ޓިކެޓް ދޭނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތަށްކަން ފާހަގަކުރައްވައި އަހްމަދު އަބްދުالله ވިދާޅުވީ, ރައިސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް އޮޓޮމެޓިކުން ރިޔާސީ ޓިކެޓް ދޭން ބުނާ އިސްލާހެއް ވެސް އަދި ހުށަހަޅާފައި ނެތް ކަމަށެވެ.

"ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާ ގުޅޭ އެއްވެސް އިސްލާހެއް [ކޮންގްރެސްއަށް] ލިބިފައެއް ނެތް،" އަހްމަދު ވިދާޅުވި އެވެ. 

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މިހާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމުގައި ހުންނެވިޔަސް، ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޓިކެޓު ލިބޭނީ ޕްރައިމަރީ ކާމިޔާބު ކޮށްގެންނެވެ.

މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީގައި ވާދަކުރައްވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު ވެސް ހުންނެވި ޕްރައިމަރީގައި ވާދަކުރައްވާ ގޮތަށެވެ.

އެހެން ނަމަވެސް އެއަށް ވުރެ ބޮޑަށް ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރަކަށް ވުމަށެވެ. ނަޝީދު ވަނީ އެ ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅައިފަ އެވެ.

އެހެންވިޔަސް ރައީސް ސޯލިހް އާއި އެމަނިކުފާނަށް ތާއީދު ކުރާ މީހުން އެކަމާ ދެކޮޅެވެ. ރައީސް ވަނީ ނަޝީދުގެ ގަރާރު ވެސް އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ނަޝީދު ހުންނެވީ ގަރާރު ހުށަހަޅަން، ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވާ ގޮތަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު