ޚަބަރު
ޕީޕީއެމްގެ ޓީމެއް ގާސިމް އާއި ބައްދަލުކޮށްފި
ޕީޕީއެމް އިން ޖޭޕީގެ ލީޑަރު ގާސިމް އާ ބައްދަލު ކުރައްވަނީ--ފޮޓޯ: ޕީޕީއެމް
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ލަފާފުޅުގެ ދަށުން، އެކޯލިޝަންގެ އިސްވެރިން ޖުމްހޫރީީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމާއި ބައްދަލު ކޮށްފިއެވެ.

ޕީޕީއެމްގެ ފަރާތުން ގާސީމާ ބައްދަލުކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ޖޭޕީގެ ފަރާތުން އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގެ ފޮޓޯތައް އެ ޕާޓީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ކަމަށް ބުނުން ފިޔަވައި، އެ މަޝްވަރާތަކާ ބެހޭ އިތުރު ތަފުސީލެއް އެ ޕާޓީން ނުދެއެވެ.

އެ ބައްދަލުވުމުގެ ފޮޓޯތަކާ އެކު އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ މަތިން ގާސިމް އާ މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއެކު ވެސް މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާތަކަކީ އެ ދެ ޕާޓީން ބުނާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރަން ކުރާ މަސައްކަތެކެވެ.

ސަރުކާރު ކޯލިޝަންގައި ޖޭޕީ އޮތަސް އެ ޕާޓީން އަންނަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރަން ނިންމައި ކެމްޕެއިން ފަށައިފަ އެވެ. އަދި ސަރުކާރުގެ ބައެއް ކަންކަމަށް ސީދާ ގާސިމް ވެސް ފާޑު ވިދާޅުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު