ޚަބަރު
ރައީސްގެ ނިއުޔޯކް ދަތުރުގެ ހަރަދު ސިއްރުކުރަން ހުށަހެޅި މައްސަލަ މަތީ ކޯޓުން ބަލައިނުގަތް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމަށް، އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން ތަންފީޒުކުރުން ހުއްޓުވަން ރައީސް އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.

ހައި ކޯޓުގެ ހުކުމް އިސްތިއުނާ ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިމަހުގެ ދޭއްގައެވެ.

އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން އިންފޮމޭޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ހައި ކޯޓުގެ ނިންމުމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކޮށްފި ނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އަރައި އަދި ބައެއްގެ ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތު އުނިކުރުމަށް ފަހު ވެސް ހަރަދުތަކުގެ ތަފްސީލު ދޭންޖެހޭ ކަމަށެވެ.

ރައީސް އެމެރިކާއަށް ވަޑައިގެންނެވި އެ ދަތުރުފުޅަކީ، އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އޭރު އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު