
ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހަށް ބަންދުވާނެ އެވެ.ޕީޕީއެމްގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލުގައި ހުންނެވިއިރު އެ މަނިކުފާނުގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި، އިދިކޮޅު ޕީޕީއެމް-ޕީއެންސީން ދެ މައްސަލައެއް މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެ ދެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ.ސުޕްރީމް ކޯޓުގެ އޮފިޝަލަކު "ހޯރަ" އަށް ވިދާޅުވީ ކޯޓުން ހިދުމަތް ދޭން ނިންމީ ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާތީ އެކަމާ ގުޅޭ މައްސަލައެއް އެ ކޯޓަށް ހުށަހެޅިދާނެ ކަމަށް ބަލައި އެކަމަށް ފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.ރިޔާސީ އިންތިހާބަށް 46 ދުވަހަށް ވެފައިވާއިރު އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަ ހުށަހެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އެ ކޯޓުން އެ މައްސަލަތަކުގައި 48 ގަޑިއިރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.ސުޕްރީމް ކޯޓު 2007 ގައި އުފެއްދި ފަހުން ރިޔާސީ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަތައް ނިމިގެން ދިޔަ ހުރިހާ ރިޔާސީ އިންތިހާބެއްގައިވެސް އެ ކޯޓަަށް ހުށަހަޅައި އެފަދަ މައްސަލަތަކުގައި އެ ކޯޓުން ގޮތްތަކެއް ނިންމާފައިވެ އެވެ.