
ފާރިސްއަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ރައީސް މައުމޫން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ، ކުރިމަތިލައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެ މަނިކުފާނު އިހްތިރާމް ކުރައްވާކަމަށެވެ.އެއީ ގައުމަށް ވަފާތެރި ބޭފުޅުން ކަމުގައި ގަބޫލުފުޅުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.ފާރިސްއަށް ތާއީދުކުރައްވަން ނިންމެވީ އެއީ އެ މަނިކުފާނުގެ 'އުފަން ދަރިއަކަށްވީތީ' ނޫން ކަމަށާއި ފާރިސް އަށް ތާއީދުކުރައްވަނީ އެމަނިކުފާނު ގަބޫލުކުރައްވާ އުސޫލުތައް ގަބޫލުކުރައްވާތީ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ފާރިސް އަކީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި އެހީތެރިވި އަދި ހުރިހާ ކަމެއްގައި ވެސް ބައިވެރިވި ފަރާތެއް ކަމަށާއި ފާރިސް އަކީ ގައުމުގެ ރައީސްކަން ކުރުމުގެ ގާބިލިއްޔަތު ހުރި ބޭފުޅެއް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.ފާރިސް ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ. ޑރ. އަބްދުއްސައްތާރަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.މިފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.