ފައިނު އެއާޕޯޓު އަޅައިދޭން މުއިއްޒު ވައުދުވެއްޖެ
އިސްމާއިލް ރިޒާ
30 އޯގަސްޓް 2023 - 12:12
0 comments
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އިނގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތާ އެއްގޮތަށް ރ. ފައިނުގައި އަޅަން ނިންމި އެއާޕޯޓް އަނބުރާ ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނުގައި މިއަދު ރ. އިނގުރައިދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓު، އޭނާގެ ވެރިކަމެއްގައި އަޅާނީ ފައިނުގައި ކަމަށެވެ."އަލިފުށީގެ އެއާޕޯޓުގެ އިތުރުން، އިތުރު އެއާޕޯޓެއް އެބަ ބޭނުންވޭ. އެހެންވެ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގައި ނިންމެވީ ފައިނުގައި އެއާޕޯޓު އަޅަން. ފައިނުގައި އެއާޕޯޓެއް އެޅުމަކީ ކުރާނެ ކަމެއް،" އޭގެ ސަބަބުން ގިނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރ. އަތޮޅަކީ ޓޫރިޒަމަށް ވަރަށް ވަރުގަދަ އަތޮޅެއް ކަމަށެވެ.މިހާރުވެސް އެ އަތޮޅުގައި 17 ރިސޯޓު އޮތް ނަމަވެސް އަދިވެސް ރިސޯޓު ތަރައްގީކުރެވޭނެ ގިނަ ފަޅުތައް ހުރިކަން މުއިއްޒު ފާހަގަކުރެއްވި އެވެ.އިންތިހާބު ކާމިޔާބުވެ، ވެރިކަން ލިބިއްޖެނަމަ ރ. އަތޮޅުގައި މިހާރު ހުރި ރިސޯޓުތަކުގެ އިތުރުން 10 ނުވަތަ 12 ރިސޯޓު ތަރައްގީކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.މުއިއްޒު ދެއްވި ޔަގީންކަމަކީ ފައިނުގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އެއީ މުޅި ރ. އަތޮޅުގެ ދެކުނުބިތުގެ ރަށްތަކަށާއި ރިސޯޓްތަކަށް ފައިދާކުރާނެ ދެކޮޅުޖެހޭ އިންވެސްޓްމެންޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ތަރައްގީ ދާނީ ބާރު ސްޕީޑުގައި ކުރިއަށެވެ. ވެރިކަމަށް އަންނަނީ ޕްލޭނެއް ހިފައިގެން ކަމަށާއި، މަޝްރޫއުތައް ޕްލޭނާ އެއްގޮތަށް ވަގުތު އޮއްވައި ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު