ކުޅިވަރު
އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ވާދަކުރަނީ
ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވާދަކުރައްވަން ނިންމަވައިފިއެ ވެ.

އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެކަން ޓޮމް އިއުލާން ކުރެއްވިރު، އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ އަންނަން އުޅޭކަމުގެ އަޑުވެސް މިފަހުންވަނީ ގަދަވެފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ދަގަނޑޭ ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. 

އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރަމުން ތޯރިގް ވިދާޅުވީ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކްލަބްތަކާއި ފުޓްބޯޅަ އާއިލާގެ އެއްބާރުލުމަށް އޭނާ އެދޭ ކަމަށެވެ.

"ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން،" ސޯޝަލް މީޑިއާގައި އޭނާ ލިޔެފައި ވެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ މިހާރުގެ ރައީސަކި އެ މަގާމު ހުންނަވާތާ ގިނަ ދުވަސްތަކެއްވީ ބައްސާމް އަދީލް ޖަލީލެވެ. 

ޖޫން 2016 ގައި ބޭއްވި އެފްއޭއެމްގެ އިންތިހާބު ކާމިޔާބު ކުރައްވައި ޓޮމް އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ވަޑައިގެންނެވި އެވެ. ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް އަދި ސްޓްރެޓެޖިކް ޕްލޭން ތައްޔާރު ކުރުމަށް ބެލްޖިއަމް ކުންފުންޏަކާ އެކު އޭނާ ފެއްޓެވި މަސައްކަތް ކުރިއަށް ދިޔައީ ހަތަރު މަސް ދުވަހަށެވެ.

އެފްއޭއެމްގެ އޭރުގެ ޖެނަރަލް ސެކްރެޓަރީ އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖެނަރަލް ސެކްރެޓަރީގެ މަގާމުން ވަކި ކުރުމުގައި އެކްސްކޯއިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ، އެކްސްކޯގެ ފަސް މެންބަރަކު އެއް ފަހަރާ އިސްތިއުފާ ދީ ޓޮމްގެ ރައީސްކަމުގެ ބާރު ކަނޑުވައިލި އެވެ.

ބައްސާމްގެ ދައުރުގައި އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅާލައިގެން ދިއުމުން ގިނަ ފާޑުކިޔުންތަކެއް އޭނާ އަށް އަމާޒު ވެއެވެ. ގިނަ ބަޔަކު ދަނީ އޭނާ އިސްތިއުފާ ދޭން ވެސް ގޮވާލަމުންނެވެ. "ބައްސާމް އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ސޯޝަލް މީޑިއާގައި ކުރިއަށް ދެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު