ޚަބަރު
ރައީސް ނަޝީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އަޑުއެހުމެއް ހޯމަ ދުވަހަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 6 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ތާވަލުކޮށް، އެ އަޑެހުމަށް މިހާރު ވަނީ ޗިޓް ފޮނުވައިފައެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެގޮތުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރޭގައި ފަނޑިޔާރު އަލްއުސްތާޛް މަޙާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ހުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް އަލީ ރަޝީދު ހުސައިން، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ ހޯމަ ދުވަހު އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ އީވާ ނެތި އެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.

ނަމަވެސް އެމްޑީޕީގެ ޤާނޫނީ ޓީމުން ވަނީ އަމީން އާންމުގެ ނިންމުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާއި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފުކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު