
"ކައިވެނި ޕޯޓަލް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އެ ޕޯޓަލް ލޯންޗުކޮށް ދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މި ޕޯޓަލްއަކީ ކައިވެންޏާ ގުޅުން ހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާންމުންނަށް ފަސޭހަ ކުރުމުގެ މަގްސަދުގައި ޑިވެލޮޕްކޮށްފައިވާ ޕޯޓަލްއެކެވެ.މި ޕޯޓަލްގެ ފޭސް އެކެއް މިއަދު ލޯންޗު ކުރިއިރު، މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާ ކައިވެންނާ ގުޅުން ހުރި ފޯމްތައް ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ. އަދި ޕޯޓަލްގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓުގެ ހިދުމަތްތަކަށް ވެސް ފޯމް ހުށަހެޅޭނެއެވެ.މި ޕޯޓަލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕޯޓަލް އިން ހުށަހެޅޭނީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ކައިވެންޏާ ގުޅުން ހުރި ފޯމުތަކެވެ. ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓުގެ ފޯމުތައް ވެސް ހުށަހެޅޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.ޕޯޓަލް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ ފޯމުތަކުގެ 60 ޕަސެންޓަކީ ކައިވެނީގެ ފޯމުތައް ކަމަށާއި މި ޕޯޓަލްއާ އެކު ކޯޓުތަކުން ދޭ ހިދުމަތްތަކާއި އެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެ އެވެ.މިއަދު ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި ޖޭއެސްސީގެ މެންބަރު ތުޅާދޫ ދާއިރާގެ ހިސާން ހުސައިން ވެސް ބައިވެރިވެ ވަޑައިގަތެވެ.