ޚަބަރު
ޔާމީން ކޮމިޓީ ގައި އިސްކޮށް ހުންނެވި މަލީހު ޕީޕީއެމް އިން ސަސްޕެންޑުކޮށްފި
ރޭ ކުއްލިއަކަށް ޕީޕީއެމްގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މިހާރު
ޕީޕީއެމްގެ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާ ނުލައި އަމިއްލަފުޅަށް "ޔާމީން.." ކޮމިޓީއެއް ނަންގަވައިގެން ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި މައްސަލާގައި ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފި އެވެ.

ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އިދާރީ ގޮތުން އެ ކޮމިޓީގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު މި ކޮމިޓީގައި ނުހިމެނެ އެވެ.

ރޭގެ ބައްދަލުވުމުގައި އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ޕީއެންސީ އާއި އެ ޕާޓީ އާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރަން ޖެހޭ ކަމަށެވެ. އަދި، ޕާޓީގެ މެންބަރުން، ޕީއެންސީ ހިމެނޭހެން އެހެން ޕާޓީތަކާ ގުޅުން ހުއްޓާލުމަށް ގޮވާލާ، އާ ސަރުކާރުގައި ޔާމީނުގެ ބައިވެރިވުމާއި މަޝްވަރާ އިތުރުކުރުމަށް ވެސް ގޮވާލި އެވެ.

އޭގެއިތުރުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ދެވަނަ ދުވަހު އާންމުކުރި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާ މެދުވެސް "ޔާމީން ކޮމިޓީން" ވަނީ ސުވާލުއުފައްދާފަ އެވެ. އަދި، ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލު މަގާމުން އުޒުރުވެރިވެފައިވާ ކަމަށާއި ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވި އެވެ. ނަމަވެސް އެ ދެ ބޭފުޅުންވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

މަލީހު ސަސްޕެންޑުކުރައްވަން ނިންމަވައި ޕީޕީއެމްގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕީޕީއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައި ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަލީހު އިސްވެ ހުންނަވައިގެން ކުރައްވާކަން ޕާޓީގެ ލީޑާޝިޕުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ލީޑާޝިޕާއި އެ ޕާޓީގެ ސެނެޓަށް އެނގުމެއް ނެތި، އަމިއްލަފުޅަށް ކޮމިޓީތައް އުފައްދަވައި، ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ނުވަތަ ޕާޓީގެ ސެނެޓާ މަޝްވަރާނުކުރައްވައި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ޕާޓީގެ އަސާސްތަކާ ޚިލާފަށް ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީހު ކުރެއްވިކަމަށް ޝިޔާމުގެ ސިޓީގައި ވިދާޅުވިއެވެ.

އެހެންކަމުން އެ ސަބަބުތައް ފާހަގަވުމާ ގުޅިގެން ޕާޓީގެ ލީޑާޝިޕަށް ޕާޓީގެ އަސާސީ ޤަވާއިދުގެ 8 ވަނަ މާއްދާއިން ލިބިފައިވާ ބާރުތަކުގެ ދަށުން މަލީހު ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފައިވާކަމަށް ޝިޔާމުގެ ސިޓީގައި އަންގަވާފައިވެއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފައިވަނީ ވަރަށް ކުއްލި ގޮތަކަށެވެ. ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޫސްވެރިން ހިމެނޭ ޕީޕިއެމްގެ ގްރޫޕުގައި ހިއްސާކޮށްފައެއް ވެސް ނުވެއެވެ.

މި ކަމާ ގުޅޭ އެއްވެސް ތަފްސީލެއް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލާއި، ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވެސް ހިއްސާ ނުކުރައްވައެެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ޕީޕީއެމް ހިންގުމުގެ އިދާރީ ހިންގުމުގައި އިސްވާނީ ޕާޓީގެ ރައީސްކަމަށެވެ. އެހެން ކަމުން ޕާޓީގެ ރައީސް ބޭނުންފުޅުވާ ކަންކަން ކުރުމުގެ އިޚްތިޔާރު އޮންނާނެކަމަށެވެ.

"ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ހީނާވަނީ ސްޕޯކްސްޕާސަން ކަމުން އިސްތިއުފާ ދެއްވައިފައި. އަދި ސެކްރެޓަރީ ޖެނެރަލް މިހާރުވަނީ ޑޭޓުޑޭ ޕާޓީ ހިންގުމުން އުޒުރުވެރިވެވަޑައިގެންފައި،" އައްބާސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު