ޚަބަރު
އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އާދިއްތަ ދުވަހު ޔާމީން އެދެނީ
ޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ރޭ ނިންމެވި ނިންމެވުމާ އެކު އަންނަ އާދިއްތަ ދުވަހު އެކަމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ނިންމައިފި އެވެ.

ޕީޕީއެމްގެ ލީޑަޝިޕާއި މެދު ހިތްހަމަޖެހިވަޑައިނުގެން ޔާމީން ޕީޕީއެމުން ރޭ ވަނީ ވަކިވެވަޑައިގެންފަ އެވެ. އެއާއެކު އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ވަނީ ރޭ ފައްޓަވާފަ އެވެ.

މަނިކުފާނު ޕީޕީއެމްއިން ވަކިވެވަޑައިގެން ސަބަބު ބަޔާން ކޮށްދެއްވަމުން ރައީސް ޔާމީންގެ ލޯޔަރު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ޗެނެލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ނިންމުން ޔާމީން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށް ވެސް ޑރ. ޖަމީލު ރޭ ހާމަކުރެއްވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕްރޮގުރެސިވް ކޯލިޝަން ތަމްސީލު ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވި ޖޮއިންޓު ސެނެޓު ބައްދަލުވުމާ ހަމައިން ރައީސް މުއިއްޒުއަށް ތާއީދު ކުރާ ފަރާތްތަކާއި ރައީސް ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދެން ފަށައިފަ އެވެ.

ނުތަނަވަސްކަމުގެ ހުޅު ފަޅައިގެންދިޔައީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އިންތިހާބު ބޮއިކޮޓު ކުރަން ރައީސް ޔާމީން އެދިލެއްވި ހިސާބުންނެެވެ.

ޔާމީނުގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު މިއަދު ވިދާޅުވި ގޮތުގައި ހަފްތާ ބަންދުގެ މަސައްކަތާ އެކު އާދިއްތާ ގައި އޮފީސްތައް ހުޅުވުމުން އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ އެވެ.

"ރޭ ވަނީ ނަން ފައިނަލް ކުރައްވާފައި. އަދި، މިއަދު ރައީސް ޔާމީން ވަނީ ލޯގޯ ފައިނަލް ކުރައްވާފައި،" މަލީހް ވިދާޅުވިއެވެ.

"މި ބަލަނީ އާދިއްތަ ދުވަހު މޯނިންގައި [ހެނދުނު] އިލެކްޝަންސް ކޮމިޝަންގައި އެދެވޭނެ ކަމަށް ޕާޓީ އުފެއްދުމުގެ ހުއްދައަށް،"


ޕީޕީއެމް ހިންގުމަށް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާން ކުރުމާ އެކު ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. 

އަދި އެ ކޮމިޓީގައި އިސްކޮށް ހުންނެވި މަލީހު ޖަމާލް ޖެހިގެން އައި ދުވަހު ޕާޓީއިން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީއިން ބަލައި އިއްޔެ ވަނީ ވަކިކޮށްފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު