
އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓްގައި ހިމެނި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ އުނިކޮށްފަ އެވެ.ސަބަބެއް ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ބޯހިޔާވަހިކަން ދޭން ފަށާފައިވާ މަޝްރޫއުގެ އިތުރުން އަތޮޅު ތެރޭގެ ޕީއެސްއައިޕީއަށް އިސްކަންދޭން ކަމަށެވެ.މިއަދު މަޖިލީހުގައި ފެށި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ހަލީމް ވިދާޅުވީ ފުށިދިއްގަރު މަޝްރޫއު ބަޖެޓުން އުނިކުރީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ލީޑަޝިޕުން ބޭނުންވާ ބަޔަކު ގެނައުމަށް މެންބަރުންތަކެއްގެ ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ފުށިދިއްގަރު މަޝްރޫއު އުނިކޮށް އެ ފައިސާ ދާއިރާތަކުގެ ތަރައްގީއަށް ބަހާލާފައި ހުރީ ބޭއިންސާފުން ކަމަށް ވެސް އަހުމަދު ހަލީމް ތުހުމަތު ކުރެއްވި އެވެ."އަލަށް ފަށާ 23 ޕްރޮޖެކްޓަކަށް އެބަ އޮތް މަތިވެރި ދާއިރާއަށް 18 މިލިއަން ޖަހާފައި. މިއީ ކޮން އުސޫލަކުން ކިހިނެތްކޮށްފައި އޮތް ކަމެއްތޯ؟ މި އޮތީ ވޯޓާ ގުޅިފައި. ނައިބު ރައީސްގެ ވޯޓާ ގުޅިފައި،" އަހުމަދު ހަލީމް ވިދާޅުވި އެވެ.އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަޖިލިސް ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އިންތިހާބުވި ވޯޓަށް ނުފޫޒު ފޯރުވަން ބަޖެޓުގައި ބައެއް ކަންކަން ހިމަނާފައިވެ އެވެ.ހަލީމް ވިދާޅުވީ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި ނަމަ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށާއި ނަމަވެސް ވޯޓު ދޭނީ ބަޖެޓު ގަބޫލު ކުރާތީ ނޫން ކަމަށެވެ."މިއީ ދިވެހި ދައުލަތުގެ ބަޖެޓު ހަދާ ގޮތަށް ހަދާފައި އޮތް އެއްޗެއް ނޫން މިއީ ނައިބު ރައީސްގެ ވޯޓަށް ހަދާފައި އޮތް ބަޖެޓެއް،" ހަމީލް ވިދާޅުވި އެވެ. "އަޅުގަނޑުގެ ހިތާދެކޮޅަށް ނަމަވެސް މި ބަޖެޓަށް ވޯޓް ދޭނީ ވިޕްލައިނާ ހިލާފުނުވާން،" ހަލީމް މި ތުހުމަތުތައް ކުރި އިރު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.ބަޖެޓް ކޮމިޓީއިން ބަޖެޓް ފާސްކޮށްފައި ވަނީ 300 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފާސްކުރިއިރު، އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ގޮތުގައި 43،120،469،058 (43 ބިލިއަން) ރުފިޔާ ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.މީގެ އިތުރުން، އާ ސަރުކާރުން މި ފެށޭ އަހަރަށް ބަޖެޓުކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަށް އޮތް 400 މިލިއަން ރުފިޔާއިން 10 މިލިއަން ވަނީ އުނިކޮށްފައެވެ. އަދި، އިންޑައިރެކްޓް ސަބްސިޑީ އުވައިލައި، ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ވެސް ބަޖެޓު ކޮމިޓީންވަނީ ފާސްކޮށްފައެވެ.އެހެންވެ، ބަޖެޓަށް ޖުމްލަ ބަޖެޓުގެ ގޮތުގައި 49،855،823،553 (49.9 ބިލިއަން) ރުފިޔާ ވަނީ ބަޖެޓު ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވައިފައެވެ.އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާއެވެ.މި ނިމޭ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން މިދިޔަ އަހަރު ފާސްކުރީ 42.8 ބިލިއަން ރުފިޔާއެވެ. އަހަަރަކަށް ފަހު އަހަރެއް ދައުލަތުގެ ބަޖެޓު އަންނަނީ އެތައް ގުނައެއް ބޮޑުވަމުންނެވެ.