
ބަޖެޓު ހުށަހެޅުމަށް ތައްޔާރުވެފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފަ އެވެ. ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން މާދަމާގެ ނިޔަލަށް ކޮމިޓީގައި ދިރާސާކުރުމަށް ފަހު އަލުން މަޖިލީހަށް ފޮނުވަން ބަޖެޓު ކޮމިޓީން ވަނީ ނިންމާފަ އެވެ.މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީ އަދި އިގްތިސޯދީ ކޮމެޓީގެ ސަބްކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ ބަޖެޓު ހުށަހަޅާ ޖަލްސާ މި ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.އެކަމާ ގުޅޭ ގޮތުން މާ ބޮޑު ތަފްސީލެއް ނުދެއްވައި ނާޒިމް ވިދާޅުވީ އެ ޖަލްސާ މި ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ކަމަށެވެ."2025 ވަނަ އަހަރުގެ ގައުމީ ބަޖެޓު ލިބޭނެ ކަމަށް މި ބަލަނީ ކުރިއަށް މި އޮތް ދެ ދުވަހެއްގެ ތެރޭ. ގާނޫނުގައި ބުނާ ބަޖެޓު ޖަލްސާ، ބަޖެޓު ހުށަހަޅާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ނިންމާފައިވަނީ މަޖިލީހުގެ ރައީސް، އެގޮތަށް އަމީންއާންމު އަޅުގަނޑަށް މައުލޫމާތު ދީފައި ވަނީ ރޭގައި،" ނާޒިމް ވިދާޅުވި އެވެ.ގާނޫނު އަސާސީ ބުނާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.