
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ގަރާރަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށް ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާތީ، އެ ޤާނޫނުގެ ދަށުން ޝާއިޢުކޮށްފައިވާ ގަރާރެއް ކަމަށެވެ.އެގޮތުން ބައެއް މަޝްރޫއުތައް ތަފްސީލީ ގޮތެއްގައި ހިމެނުމުގެ ބަދަލުގައި މިފަހަރު މަޝްރޫއުތަކުގެ މައުލޫމާތު ހާމަކޮށްފައި ވަނީ ދާއިރާތައް ވަރަށް ފުޅާކޮށެވެ.މިގަރާރުން ފަތުރުވެރިކަމުގެ ބޭނުމަށާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެކި ކަންކަމަށާއި ދައުލަތުގެ މުހިއްމު ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިމަނައިފަ އެވެ.މީގެ ތެރޭގައި ޖަލު ތަރައްގީ ކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމާއި އެއާޕޯޓުތައް ތަރައްގީ ކުރުން ހިމެނެ އެވެ. އަދި ސޯޝަލް ހައުސިން އާއި ކޯޒްވޭތަކާއި ބިން ހިއްކާފައިވާ ސަރަހައްދުތަކުގައި ޔޫޓިލިޓީގެ ހިދުމަތް ގާއިމުކުރުމާއި ކުނި މެނޭޖްކުރުމާ ގުޅުންހުރި މުހިއްމު މަޝްރޫއުތައް ކުރިއަށް ގެންދިޔުން ވެސް ގަރާރުގައި ހިމަނާފައި ވެއެވެ.