ޚަބަރު
ސަޕްލިމެންޓަރީ ބަޖެޓަށް ފަސް ބިލިއަން ރުފިޔާ ހުށަހަޅައިފި
ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މާލީ ވަޒީރު މޫސާ ޒަމީރު:
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަަޅައިފި އެވެ.

ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ޖެހުނު ސަބަބު ސާފުކޮށްދެމުން ފިނޭންސުން މައިގަނޑު ގޮތެއްގައި ބުނީ މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓެއް ކަމަށާއި، ބަޖެޓު އެގޮތަށް ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި މި އަހަރުގެ ޖުލައިން ފެށިގެން ހަރަދު ކުޑަކުރުމަށްޓަކައި ރިފޯމްތަކެއް ގެންނަން ބަޖެޓުގައި އޮތް ނަމަވެސް، އެ ރިފޯމްތައް ތަންފީޒުކުރެވާނެ ގޮތެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ޓެކްނިކަލް މަސައްކަތްތައް ކުރަން ޖެހުނީ މި ސަރުކާރުން ކަމަށް ފާހަގަކުރަމުން ފިނޭންސުން ތުހުމަތުކުރީ ކުރީ ސަރުކާރުން އެ ޒިންމާއިން ރެކިގެންފައިވާ ކަމަށެވެ.

ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ.

އެހެންވެ، އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަން އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ބަޖެޓު ހުށަހެޅިއިރު ސަރުކާރުން ވަނީ ކަނޑައެޅި ރިފޯމުތަކާ އެކު، ބަޖެޓުން ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަންކަން އެގޮތަށް ކުރެވިފައި ނުވާތީ ސަޕްލިމެންޓްރީ ބަޖެޓާ އެކު، މި އަހަރުގެ ޖުމްލަ ބަޖެޓުގެ އަދަދު 55 ބިލިއަން ރުފިޔާ އަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. މި އަހަރު ފެށި އިރު ސަރުކާރުން ފާސްކޮށްފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި އަހަރުގެ މިހާތަނަށް ޖުމްލަ ބަޖެޓުން 39.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މި އަހަރުގެ އާމްދަނީ އަށް 640 މިލިއަން ރުފިޔާ އިތުރަށް ލިބި ޖުމްލ އާމްދަނީ 34 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު