ޚަބަރު
ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރާނެކަން އިންޑިއާއަށް އަންގައިފި
ހައިޑްރޯގްރެފިކް ސަރވޭ އަށް ރާއްޖެ ބަދަރުކުރި ބޯޓް
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތައް ހިމެނޭ "ހަފްތާ 14" ގެ ފުރަތަމަ ހަތަރު ހަފްތާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތަފްސީލް ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިރްޒުލް ވިދާޅުވީ މިއީ ބޭރު ގައުމުތަކާ އެކު ހަދާފައި ހުރި، ގައުމީ ސަލާމަތަށް ނުރައްކާ ފަދަ އެއްބަސްވުންތައް އުވާލުމާ ގުޅޭ ވައުދުގައި ހިމެނޭ ކަމެކެވެ.

ފިރްޒުލް ވިދާޅުވީ މި އެއްބަސްވުން ހަދާފައި އޮތީ ޖޫން 7، 2024 ގައި މުއްދަތު ހަމަވާ ގޮތަށް ކަމަށާއި މި އެއްބަސްވުން އާކުރަން ބޭނުން ނުވާ ނަމަ އޭގެ ހަ މަސް ދުވަހުގެ ކުރިން އަންގަންޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހުކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކަނޑުފަޅުގެ މަޢުލުމާތުތަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ ސިއްރެއްކަމަށް ދެކި އެގޮތަށް ޢަމަލުކުރަމުން އައިބައެއްކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެންމެ ފަހިގޮތަކީ އެ ޤާބިލްކަން ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ތެރޭގައި ޤާއިމްކޮށް ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުންކަމަށެވެ. އަދި އިތުރު ބައެއްގެ ބައިވެރިވުން ނުބޭއްވުންކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އަސްކަރިއްޔާގައި އެ ޤާބިލްކަން އިތުރުކުރުމަށް ބެޖެޓުގެ ތެރެއިން ޚާއްޞަ މިންވަރެއް ކަނޑައަޅުއްވާ ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސައިދެއްވާފައިކަމަށެވެ. އެ ޤާބިލްކަން ޤާއިމްކުރުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާގައި ފެށިގެން ކުރިއަށްދާކަމަށާއި، ކުރިއަށް އޮތްތަނުގައި ހައިޑްރޮގްރަފީ ދާއިރާއިން ކަންކަން ކުރެވޭނީ ސައްތައިންސައްތަ ދިވެިންގެ ބެލުމުގެ ދަށުން، ދިވެހިންނަށް އެ މައުލޫމާތު އެނގޭގޮތަށްކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމަކީ ރާއްޖޭގެ ސިޔާދަތަށް އެންމެ އިސްކަންދޭ އެއްބަސްވުމެއް ނޫންކަން ފިރުޒުލް ތަކުރާރުކުރެއްވިއެވެ. ފިރުޒުލް ވަނީ މި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން، އޭގެ އެއްވެސް ބަދަލެއް އިންޑިއާއަށް ދޭން ނުޖެހޭކަމަށެވެ.

ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި މިހާތަނަށް ބޮޑު ސަރަޙައްދެއް ބަލައި ނިމިފައިވާކަމަށް ކުރީ ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު