ވިޔަފާރި
އެޗްޑީސީއަށް އާބަންކޯ ކިޔުން ހުއްޓައިލަނީ!
އެޗްޑީސީގެ ބްރޭންޑިން 'އާބަންކޯ' އަށް ބަދަލުކޮށް، ލޯގޯ ހަރުކޮށްފައި. ފޮޓޯ: އެޗުޑީސީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބްރޭންޑެއްގެ ގޮތުގައި މިދިޔަ ސަރުކާރުން "އާބަންކޯ"ގެ ނަން ތައާރަފްކުރިތާ އަހަރެއް ނުވަނީސް އެ ބްރޭންޑިންގެ ބަދަލުގައި އަލުން އެޗްޑީސީގެ ނަން ބޭނުންކުރަން ނިންމައިފި އެވެ.

އެޗްޑީސީގެ އިސްވެރިއަކު މިއަދު ވިދާޅުވީ، އާބަންކޯ ކިޔުން ހުއްޓާލަން ނިންމީ އާންމުންނަށް ވަރަށް ބޮޑަށް އޮޅުން އަރަމުންދާތީ އެ ކަމަށް ހައްލެއް ހޯދަން ކަމަށެވެ.

"އާބަންކޯ ކިޔަމުން އައި ނަމަވެސް ރަސްމީ ހުރިހާ ޑޮކިއުމަންޓްތަކުގައި ބޭނުންކުރަނީ އެޗްޑީސީ. އެޗްޑީސީގެ ނަމެއް ބަދަލެއް ނުވޭ. ގާނޫނީ ގޮތުން ބޭނުންކުރަނީ އެޗްޑީސީ. އެހެންވެ، ދެ ނަމެއް ބޭނުންކުރުމުން ޕަބްލިކަށް ވަރަށް ބޮޑަށް އޮޅުން އަރާތީ އާބަންކޯ ކިޔުން މި ހުއްޓާލީ،" އޭނާ ވިދާޅުވި އެވެ.

އާބަންކޯގެ ބަދަލުގައި ކުންފުނީގެ ނަމަށް އެޗްޑީސީ ބޭނުންކުރާނެ ކަމުގެ އިޝާރާތެއް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މި ފަހުން ދެއްވާފަ އެވެ. 

އެޗްޑީސީ ރީބްރޭންޑްކޮށް "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ނުވަތަ އާބަންކޯ އަށް ބަދަލުކޮށް އެކަން އިއުލާންކުރީ 01 އޭޕްރީލް 2023 ގަ އެވެ. މިއީ އެޗްޑީސީ އަށް 22 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅުވައިގެން އެކުންފުނިން ގެނައި އަގު ބޮޑު ބަދަލެކެވެ.

ކުންފުނި ރީބްރޭންޑްކުރީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެޗްޑީސީން އޭރު ބުނިގޮތުގައި ކުންފުނި ރީބްރޭންޑްކުރީ ކުންފުނީގެ އެސެޓްތަކުގެ ތެރެއަށް ގުޅިފަޅާއި ތިލަފުށި ހިމެނުމުން ކުންފުނީގެ މަސައްކަތް ހައުސިންއަށް ވުރެ ފުޅާވުމުންނެވެ.

އެޗްޑީސީ އަކީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި ތަނެކެވެ. އޭގެ ފަހުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުކުރި އެވެ. ހުޅުމާލެ ޕްލޭންކޮށް، ތަރައްގީކުރީ އެ ކުންފުނިންނެވެ. ފަހުން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން އަށް ބަދަލުކުރީ އެވެ. މިހާރު ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރި ވެސް ހިންގަނީ އެ ކުންފުނީގެ ދަށުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު