ޚަބަރު
ރާއްޖޭގައި އަލުން ހެލްކޮޕްޓަރުގެ ހިދުމަތް ފަށަން ސަރުކާރުން ނިންމައިފި
ރާއްޖޭގައި އަލުން ހެލްކޮޕްޓަރުގެ ހިދުމަތް ފަށަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވި ގޮތުގައި މިއީ ވަޒީރުންގެ މަޖިލިހަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅިގެން ސަރުކާރުން ނިންމި ނިންމުމެކެވެ. މި ކަރުދާހުގައި ހަ ކަމަކަށް އަލިއަޅުވާލައި ގޮތްތަކެއް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބަލި މީހުން އުފުލުމާއި ސާޗް އެންޑް ރެސްކިއުގެ ހިދުމަތަށް ލާޒިމްކޮށް ދެ އިންޖީނުލީ ހެލިކޮޕްޓަރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދެ ހިދުމަތުގެ އިތުރުން އެހެން އާ ހިދުމަތް ފޯރުކޮށްދޭން ވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަން ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސްޓްރިކްޓް ބިޑިންއެއްގެ ދަށުން އެ ހިދުމަތް ދޭނެ ބަޔަކު ހޯދައި، އެފަދަ ފަރާތަކަށް ފަސް އަހަރާއި ހަތް އަހަރު ދުވަހުގެ އެކްސްކްލޫސިވިޓީއެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އަދި ހެލިކޮޕްޓަރުގެ ހިދުމަތްތައް ތައާރަފުކުރަން ނިންމުމާއެކު އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކޯ)ގެ މިންގަނޑުތަކަށް ރާއްޖެގެ ވައިގެ އުދުހުންތަކުގެ ޚިދުމަތުގެ ފެންވަރު ގެނައުމަށް އެކުލަވާލާފއިވާ ބިލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އަލުން މަޖިލީހަށް ހުށަހަޅާނެ ކަމުގައި ނާޒިމު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ހެލިޕޯޓު ޤާއިމުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހަމަޖައްސައި، އިތުރު ސަރަހައްދުތަކުގައި ހެލިޕޯޓު ޤާއިމުކުރުމަށް ހަމަޖައްސަން ކުރަންޖެހޭ ކަންކަން ކުރަން ސަރުކާރުން ނިންމާފައިވާކަމުގައި ނާޒިމު ވިދާޅުވި އެވެ.

ރާއްޖޭގައި މީގެ ތޭވީހަކަށް އަހަރު ކުރީން ވެސް ހެލްކޮޕްޓަރުގެ ހިދުމަތް ދިނެވެ. ހަމިންބާޑް އައިލެންޑް އެއާވޭސް ކުންފުނިން ދެމުން ދިޔަ އެ ހިދުމަތް ހުއްޓާލަން ޖެހުނީ ހެލްކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ހިނގާ ގިނަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ. 


ރާއްޖޭގައި މިހާރު ވެސް އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރެއް އޮޕަރޭޝަންގައި އެބަ އޮތެވެ. އިންޑިއާ ސިފައިން ދުއްވާ އެ ހެލްކޮޕްޓަރު މިހާތަނަށް ބޭނުން ކުރަމުން އައީ ވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކުގައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ހެލްކޮޕްޓަރު ބޭނުން ކުރުން ހުއްޓާލާ މާޗް ފުރަތަމަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމާފައެވެ.

ހެލްކޮޕްޓަރު އޮޕަރޭޝަން ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ އޭގެ އޮޕަރޭޝަން ގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭ ގައި ގާއިމުވެ ތިބުމެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު ރިޔާސީ ވައުދުފުޅެވެ.

އެ ވައުދުފުޅާ އެއްގޮތަށް ވެރިކަމުގެ ފުރަތަަމަ ރަސްމީ ދުވަހު ރައީސް ވަނީ އިންޑިއާ ސަރުކާރަށް އެކަން ހުށައަޅުއްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި މިހާރު ހިނގަމުންދާ މަޝްވަރާތަކުގައި މާޗް 17 ގެ ކުރީން ސިފައިން ގެންގޮސް ނިންމަން ރައީސް ވަނީ ހުށައަޅުއްވާފައެވެ. އެކަމާއި ގުޅިގެން ރާއްޖެ-އިންޑިއާ ގުޅުން ވަނީ އިތުރަށް ހީނަރުވެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު