
ސީޕްލޭން ކައިރިކުރާ ފްލޯޓިން ޕްލެޓްފޯމެއް މަތީ ޖާބިރު މޯލްޑިވިއަންގެ ކްރޫއިން އަދި ޕައިލޮޓަށް ބޭއަދަބީ ބަހުން އިންޒާރުދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ އިއްޔެ މެންދުރު ފަހު އެވެ. އެ ވީޑިއޯގައި އަޑުތަކުން ޖާބިރު މޯލްޑިވިއަންގެ ޕައިލެޓަށް މަރުގެ އިންޒާރުދޭ އަޑުވެސް އިވެ އެވެ. "ތިމަންނައަކީ ކާކުކަން ނޭނގޭހޭ" ސުވާލުކޮށް ޖާބިރު ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ވީޑިއޯއިން ފެނެއެވެ.އެކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ މީޑިއާ އިން ބުނީ އެ އެއާލައިންގެ ޕައިލެޓުންނާއި ކުރޫއިންގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަން ދޭ ކަންތައް ކަމަށެވެ.ޖާބިރު ހުތުރުކޮށް ވާހަކަ ދައްކާ މައްސަލައަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. މިފަހުން ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ މީހުންނާ ވެސް އަރާރުންވެ، ހުތުރު ބަހުން ވާހަކަ ދައްކަވާ ވީޑިއޯތަކެއް ވަނީ ލީކްވެފަ އެވެ.ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ކަށަވަރު ކޮށްފައި ވަނިކޮށް އެ ޕާޓީން ވަނީ ޖާބިރުގެ އަހުލާގީ މައްސަލައެއް ބެލުމަށް ފަހު، ޓިކެޓް އަތުލައި ޕާޓީން ވަކިކޮށްފަ އެވެ. އެމްޑީޕީއިން ޖާބިރު ވަކިކުރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހުންނަން ޖެހޭ އަހުލާގު ޖާބިރުގެ ނެތް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.