
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ ރައީސް ވަކި ކުރާއިރު މަޖިލީހުގެ ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.އޭޖީން ހުށަހެޅި ދުސްތޫރީ މައްސަލަ:މި މައްސަލައާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން މީގެކުރިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ ޤާނޫނޫއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމަކީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަކުރުމެއް ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ. އަދި މިއީ ޤާނޫނުއަސާސީގެ މާއްދާތަކާ ތައާރުޟުވާ މާނަކުރުމެއް ކަމަށްވެސް ބުނެފައިވެއެވެ.ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގައި އެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރު ކޮށްފައިވާ އަކުރުތަކުގައި ބުނެފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. އަދި ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ދާއިރާއެއް ނުގުނާނެ ކަމަށެވެ.ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އަދި ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތް ދެމި އޮންނަން ޖެހޭ ކަމަށް އެ އަމުރުގައިވެ އެވެ."މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރު ނެރެންޖެހޭ ހާލަތެކެވެ." ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަބިއްޔަތުން ނެރުއްވި އެ އަމުރުގައިވެ އެވެ.ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ.ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔަކީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ދެ ފަނޑިޔާރުންގެ ރައުޔުގައިވަނީ ޖުމްލަ މެމްބަރުންގެ އަދަދު ފާސްވާންޖެހޭ މައްސަލައެއް މިވަގުތު މަޖިލީހުގައި ނެތުމާއި އެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން ކަމަށްވާތީ އެވެ. އަދި އެ މައްސަލަ ބިނާކޮށްފައިވަނީ ހަމައެކަނި ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭގޮތުން އެކަނި ނޫން ކަމަށް އެ ރައުޔުގައިވެ އެވެ. "މިއީ މުސްތަގްބަލްގައި ގާނޫނު އަސާސީއާ ހިލާފްވެދާނެ ހާލަތެއް އުފަންވެދާނެ ކަމަށް ބަލައި، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭ..." ތަފާތުވި ރައުޔުގައި ބުނެފައިވެ އެވެ.