
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި އިދާރީ ގޮތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ މިހާރު ކައުންސިލުގެ ބޭރުން އެހެން ކުންފުނިތަކާ މީހުންނަށް ހަވާލުކޮށްގެން ކުރާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ދަށް ކަމަށެވެ.އެހެންކަމުން ކައުންސިލުގެ ބެލުމުގެ ދަށުން އެކަމަށް ހާއްސަ މުވައްޒަފުން ކައުންސިލަށް ނަގައިގެން ކުރިއަށް ގެންދިއުމަށް އޭނާ ހުށަހެޅުއްވި އެވެ."އަޅުގަނޑު ހުށަހަޅަނީ ވީހާ ވެސް އަވަހަކަށް ކައުންސިލުން މުވައްޒަފުން ނަގައިގެން އެކަން ކުރަން. އަދި މުސްތަގުބަލުގައި މި މުވައްޒަފުންނަކީ ސިވިލް މުވައްޒަފުންނަށް ބަދަލުކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިއުމަށް." އާޒިމް ވިދާޅުވި އެވެ.މި ޖަލްސާގައި ވާހަކަދައްކަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ، މިހާރު މިސްކިތްތައް ސާފުކުރުމުގެ ކަންކަން ކުރަނީ ކޮންމެ 5 ނުވަތަ 6 މިސްކިތެއް އެއްކޮށްލައިގެން ބަޔަކާ ޙަވާލުކޮށްގެން ކަމަށެވެ. މިހެން މަސައްކަތް ކުރާއިރު މިސްކިތްތަކުގެ ފާޚާނާތައް ސާފުތާހިރުކަން ކުޑަކަމުން މީހުން ޝަކުވާ ކުރާކަމަށެވެ.