ޚަބަރު
ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދިއްޖެ
ފާނަބަސަންދު (ޗިކެންޕޮކްސް) ފެތުރޭތީ އެ ބަލިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން ބުނީ އެ ބަލީގެ ކޭސްތައް އިތުރުވާތީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އާންމުން އެޅުމަކީ ވަރަށް މުހިއްމު ކަމަށެވެ. މިއީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ފާނަބަސަންދުގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެ އެވެ.

ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެއެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

އަދި، ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުމާއި ބަލި ޖެހިފައިވާ މީހާ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާގިލަންދެން ބޭރު ތެރެއަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފަ އެވެ.

ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ޗިކެންޕޮކްސް ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. މި ވެކްސިން އާންމުކޮށް ފާމަސީތަކުގައި ލިބެން ހުންނާނެކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދީފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު