ޚަބަރު
ޔާމީނުގެ ޝަރީއަތް ލަސްވާ ކަމަށް އަސްލަމް ވިދާޅުވުމުން ޝުޖާއު ރަތަށް!
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތް ލަސްވަމުންދާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމުން ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފި އެވެ.

އައްޑޫގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި އަސްލަމް ރޭ ވިދާޅުވީ މި ސަރުކާރުން ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް އަތްބާނާ މިންވަރު މިހާރު ސާފުވަމުން ދާ ކަމަށެވެ. އަދި ޝަރީއަތް ލަސްވާ ސަބަބު ބެލުމަށް ޖޭއެސްސީ އަަށް ހުށައަޅުއްވާނެ ކަމަަށް އޭނާ ރޭވިދާޅުވި އެވެ.

"ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ، އެ މައްސަލަ އަޅުގަނޑު ލާނަމޭ." އަސްލަމް ވިދާޅުވި އެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ އަންނަ މަޖިލިސް އިންތިހާބުގައި ބާރަށު ދާއިރާއަށް މިފަހަރު ވާދަކުރައްވާ ޝުޖާއު "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ ހަރާމް ހުކުމް މައްސަލާގައި އަސްލަމާ ވެސް ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުން ގޮސް ވާހަކަ ދެއްކި ކަމަށާއި އެދުވަހު އަސްލަމް ދެއްވި ޖަވާބު ކަންފަތުގައި ހަރުލާފަ އެބަހުރި ކަމަށެވެ. 

"ތިބޭފުޅާ އެދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގަ ކަމަށް. ގެއަށް ބަދަލު ކުރެވޭނީ އިބޫ އަށް 2ވަނަ ދައުރެއް ލިބުނީމަކަމަށް.ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް. މިއަދު ވެސް ތިބޭފުޅުންގެ އަތުގަ ބާރު އޮތީ. އަހަރެމެން އަގައިން އަވަގުރާނަ ގޮއްވަން ނޫޅެބަލަ." ޝުޖާއު ވިދާޅުވި އެވެ.


ޔާމީނުގެ ޝަރީއަތާ ގުޅިގެން މައްސަލަ ބަލާ ހައިކޯޓުން އެންމެ ފަހުން ބުނެފައިވަނީ، ކޯޓުގައި ހުރި ގިނަ މައްސަލަތަކުގެ ތެރެއިން، އެ ޝަރީއަތް ލަސްވަމުންދާ ކަމަށް ކޯޓުން ނުދެކޭ ކަމަށެވެ.

ޔާމީނުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކާއި ޔާމީނުގެ ސަޕޯޓަރުންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަމާޒުވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ފަރާތްތަކުން ނުފޫޒުގެ ތުހުމަތުތައް އިންކާރުކުރެ އެވެ.

ޔާމީނު މިނިވަންކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.  ސަރުކާރުން މި މައްސަލައިގައި ޔާމީންގެ ސަޕޯޓަރުންނާއި މިފަހަކަށް އައިސް އިދިކޮޅުގެ ފާޑުކިޔުން އަމާޒުވުމުން ބުނަނީ ވައުދުވީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓާލަން ކަމަށާއި އެކަން ސަރުކާރުން ކޮށްފި ކަމަށެވެ.

ހައި ކޯޓުގައި ޔާމީނުގެ އިސްތިއުނާފީ ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު