ފުނަދޫ ދާއިރާގެ އަދާލާތު ޕާޓީގެ ކެންޑިޑޭޓުގެ ތާއީދު، ޕީއެންސީގެ މަމްދޫހަށް
އިސްމާއިލް ރިޒާ
19 އޭޕްރީލް 2024 - 18:20
0 comments
ޕީއެންސީގެ ކެންޑިޑޭޓް (ކ) އަދާލަތުގެ ކެންޑިޑޭޓް (ވ)
އަދާލަތު ޕާޓީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރައްވާ އިސްމާއީލް ހަމީދު، އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މަމްދޫހު ޔޫނުސް އަށް ތާއީދު ކުރަން ނިންމަވައިފި އެވެ.
ފުނަދޫ ދާއިރާއަށް އަދާލަތުގެ ޓިކެޓް ދިނީ އިސްމާއީލް ހަމީދަށެވެ. ކޮންގްރެސްގެ ކެންޑިޑޭޓަކީ މަމްދޫހް ޔޫނުސް އެވެ.
ފުޅާ ކެމްޕެއިނެއް ހިންގުމަށް ފަހު މަޖިލީސް އިންތިހާބުގެ ވޯޓް ނަގަން 48 ގަޑިއިރަށް ވެފައި ވަނިކޮށް އިސްމާއީލް ވަނީ އިންތިހާބުން ފަހަތަށް ޖެހެން ނިންމާފަ އެވެ.ފުނަދޫ ދާއިރާއަށް ޖުމްލަ ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ އިސްމާއީލް ހަމީދާއި މަމްދޫހުގެ އިތުރުން އެމްޑީޕީން ވާދަކުރައްވާ ކުރީގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޑިމޮކްރެޓްސް އިން ވާދަކުރައްވާ އަބްދުލްހަންނާން ހުސައިން އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅެވެ.އަހުމަދު އިބްރާހިމްފުޅަކީ ޕީއެންސީގެ ޕްރައިމަރީގައި ނާކާމިޔާބުވި ކެންޑިޑޭޓެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ތާއީދާއެކުގަ އެވެ.އަދާލަތުން މަޖިލީސް އިންތިހާބުގައި ވާދަކުރަނީ އެންމެ ތިން ގޮނޑިއަަށެވެ. އެ ޕާޓީއަކީ މަޖިލީސް އިންތިހާބުތަކާއި އެ ނޫން އިންތިހާބުތަކުގައި ވެސް އެކަށީގެންވާ ވަރުގެ އެއްވެސް ކާމިޔާބެއް އަދި ހޯދިފައި ނުވާ ޕާޓީ އެވެ. ޕާޓީ އުފެދުނު ފަހުން ބޭއްވި މިހާތަނަށް ބޭއްވި ތިން އިންތިހާބުގައި ލިބުނީ އެންމެ ގޮނޑި އެކެވެ.
ކިޔުންތެރިންގެ ޝުއޫރު