ޚަބަރު
މަރު ކޮމިޝަނުގެ ރިޕޯޓުތައް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފި
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ރައީސް އޮފީހާ ހަވާލު ކުރުމުން އެ މައުލޫމާތުތައް ހާމަ ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މަރު ކޮމިޝަނުގެ ރިޕޯޓުތައް ސަރުކާރުން ހާމަކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރިޕޯޓްތައް ރައީސް އޮފީހަށް ލިބުނުހާ އަވަހަކަށް އާއްމުކުރާނެ ކަމަށެވެ.

ނަމަވެސް ހާމަކުރަނީ ފުރިހަމަ ރިޕޯޓުތައް ނުވަތަ ހުލާސާ ރިޕޯޓުތައް ކަމެއް ސާފެއް ނުވެ އެވެ.

މަރު ކޮމިޝަނުން ވެސް ބުނެފައި ވަނީ އެ ކޮމިޝަނުން ޖަވާބުދާރީ ވާން ޖެހެނީ ރައިސުލްޖުމްހޫރިއްޔާ އަށް ކަމަށްވާތީ މި މަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާލުމަށް ފަހު ރައީސް އޮފީހަށް ރިޕޯޓުތައް ހަވާލު ކުރާނެ ކަމަށެވެ. އަދި އެއަށް ފަހު އެ ކޮމިޝަން އުވާނެ އެވެ.

މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަން އުފައްދާފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ނޮވެމްބަރު 2018 ގަ އެވެ.

އެ ކޮމިޝަން އުފެއްދުމަށް ފަހު، އޭރުގެ ސަރުކާރުން ބުނެފައި ވަނީ ކޮމިޝަންގެ ތަހުގީގުތައް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމި އޭގެ ފަހުން ހަ މަސްވިއިރު ވެސް އެ އިން އެއްވެސް މައްސަލައަކަށް އިންސާފެއް ނުލިބެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު