ޚަބަރު
އަމާޒަކީ 2028ގައި އަރަނި ބަޖެޓެއް ހުށަހެޅުން: ފިނޭންސް މިނިސްޓްރީ
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރަށް ސާޕްލަސް ނުވަތަ އަރަނި ބަޖެޓެއް ހުށަހެޅުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ 2028 ވަނަ އަހަރު ސާޕްލަސް ބަޖެޓެއް ހުށަހެޅޭ ގޮތަށް ހަރަދުތައް ހަމަޖެއްސުމަކީ ރައީސްގެ ހުށަހެޅުއްވުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ހަރަދު ކުޑަކުރުމަށް އަބަދުވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އަކުން ހަރަދު ކުރުމަށާއި ހަރަދު ކުރާއިރުވެސް ކޮންމެހެން ކުރަންޖެހޭ ހަރަދުތައް އިސްކަން ދެއްވުމަށް ރައީސް ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި މަހުގެ ނިޔަލަށް ލިބުނު އާމްދަނީން ހަރަދުތައް އުނިކުރުމުން ޕްރައިމަރީ ބެލެންސް މިހުރީ 201 މިލިއަން ރުފިޔާ ނެގެޓިވްކޮށް. އެކަމަކު މިދިޔަ އަހަރު މި މުއްދަތުގައި ޕްރައިމަރީ ބެލެންސް ނެގެޓިވްކޮށް ހުރީ 2.6 ބިލިއަން ރުފިޔާ،" ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ނަތީޖާ ފެންނަމުންދާ ކަމުގެ މިސާލަކާ އެކު ސާއިދު ވިދާޅުވި އެވެ. 

"އެއީ 60 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަޅުގަނޑުމެންގެ މޮޑެލްތަކުން ފެންނަން އެބަހުރޭ. ސަތާރަ ބިލިއަން ރުފިޔާގެ ފައިސާ [ނެތް ފައިސާ. ހޯދޭނެ ގޮތެއް ޔަގީން ނުވާ] އަންމެޓް ފައިނޭންސް ކަމަށް ބަޖެޓުގައި ބަޔާންކުރާ އިރު އެ އަދަދު 25 ބިލިއަނަށް އުފުލިގެން އައީމާ އެއީ ރައްޔިތުންނަށް އިތުރަށް ދަތިވާނެ ކަމެއް،" 

ސާއިދު ވިދާޅުވީ، މާލީ ހާލަތާ ނުބައްދަލު ހަރަދުތަކެއް ކުރާ ނަމަ އެ ފައިސާ ހޯދަން ޖެހެނީ އެހެން ގައުމުތަކުން ކަމަށެވެ. އެކަމަކު އެ އިން ވެސް އިތުރު އުނދަގޫތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

"އޯވަރޯލް ބެލެންސް މެއި މަހާ ހަމައަށް 1.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހަރަދުވެފައި ހުރި އިރު މިދިޔަ އަހަރު މި އަދަދު ހުރީ 4.5 ބިލިއަން ރުފިޔާގައި. ޖުމްލަކޮށް މިއީ އަހަރުން އަހަރަށް ބަލާ ނަމަ 2.7 ބިލިއަން ރުފިޔާގެ ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު