ޚަބަރު
ލަންކާއިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގޮތް ހަމަޖައްސައިފި
ފޮރިން މިނިސްޓަރު ޒަމީރު (ކ)، ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އެލެސްއާ ބައްދަލުކުރެއްވުން.
އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ކޮށްދެއްވައި އިތުރު ފީއަކާއި ނުލައި ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމުގެ ޔަޤީންކަން ލަންކާ ސަރުކާރުން ދެއްވައިފި އެވެ.

ފޮރިން މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުގައި މިއަދު އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަންއާ ބައްދަލުކުރައްވައި، ދިވެހިންނަށް ވިސާ ހޯދުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ލަންކާއިން އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް މި ފަހުން ގެނައި ބަދަލަކާ ގުޅިގެން ދިވެހިންނަށް ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވަާފަ އެވެ.

މިނިސްޓަރ ޒަމީރު އެފަދައިން އެދިވަޑައިގަތުމުން ޓިރަން ވަނީ ދެ ޤައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި، އެކަން ލިޔުމުން ޔަޤީން ކޮށްދެއްވާފަ އެވެ.

އަދި ސްރީލަންކާގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ޓިރަން ދެއްވިއެވެ.

މީގެއިތުރުން ވެސް ވަޒީރު ޒަމީރު ޙިއްސާކުރެއްވި ކަންބޮޑުވުންތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ އިތުރު ދަތިތައް ވެސް ހައްލުކޮށް ދެއްވައި، ކައިރި މުސްތަޤުބަލެއްގައި، ލިޔުމުން ޙިއްސާކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ މިއަދު ވަނީ ދެއްވައިފަ އެވެ.

ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބުރީގެ ދައުވަތަކަށް މިނިސްޓަރު ޒަމީރު އެގައުމަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގަންނަވާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު