ޚަބަރު
ތޯހާ އެނބުރި ގިޔާސުއްދީންގެ ޕްރިންސިޕަލަކަށް
ތޯހާ ސަލީމް: ގިޔާސުއްދީނުގައި 10 އަހަރު އަދި ގިނަ ސްކޫލުތަކެއްގެ ވެސް ޕްރިންސިޕަލްކަން ކުރެއްވި
ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް އަލުން އެނބުރި ވަޑައިގަންނަވަން ނިންމަވައިފި އެވެ.

މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރު އިސްތިއުފާ ދެއްވި ތޯހާ އޭގެ ފަހުން މަސައްކަތް ކުރެއްވީ ބަނޑޮސް އައިލެންޑް ރިސޯޓުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުގަ އެވެ.

އެކަމަކު ގިޔާސުއްދީނުން ރޭ ކުރެއްވި ޕޯސްޓެއްގައި އެ ތަނުން ބުނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ތޯހާ އަލުން ސްކޫލުގެ މަސައްކަތަށް ނުކުންނަވާނެ ކަމަށެވެ.

ތޯހާ އިސްތިއުފާ ދެއްވުމުން އެ މަގާމު ދެން ފުރުއްވީ އަލީ މުސްތަފާ އެވެ. އަލީ މުސްތަފާ ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފަ އެވެ.

ތޯހާއަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ މަގާމުން ފެށިގެން ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކާ ހަމައަށް ވަޑައިގެންނެވި ބޭފުޅެކެވެ. ތައުލީމީ މުޅި ނިޒާމުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަމާއި ފުރިހަމަވާންޖެހޭ ކަންކަން އެނގިވަޑައިގަންނަވާ އަދި އަމަލީ ގޮތުން އެކަމުގައި ހަޔާތުގެ ހުރިހާ ވަގުތެއްހެން ހޭދަކުރެއްވި ތަޖުރިބާކާރެކެވެ.

އީޕީއެސްއެސް އިން ޖީސީއީ އޯ ލެވެލް ހެއްދެވުމަށްފަހު ތައުލީމީ ދާއިރާއަށް ވަދެވަޑައިގަތީ، އުފަން ރަށް، ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގަ އެވެ. އެ ސްކޫލުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށްފަހު ދެން ވަޑައިގެންނެވީ އިންޑިއާއަށް ސްކޫލު މެނޭޖްމަންޓުން ޑިޕްލޮމާ ހާސިލްކުރެއްވުމަށެވެ.

ތޯހާ ވަނީ ޓީޗިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އަދި މެލޭޝިޔާއިން އެޑިއުކޭޝަނަލް މެނޭޖްމަންޓް އިން މާސްޓާސްގެ އިތުރުން ސިންގަޕޫރުން ޑިޕާޓްމެންޓަލް މެނޭޖްމަންޓްގެ ދާއިރާ އިން ޑިޕްލޮމާ ވެސް ހާސިލްކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު