ޚަބަރު
ހުޅުމާލޭ ފޭސް ތިނެއް ހިއްކާ ތަނުން އުޅަނދުތައް ނަގަން އަނެއްކާ ވެސް އަންގައިފި
ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއަށް ދަތިވާތީ އުޅަނދުތައް ނެގުމަށް އަންގައިފި
ހުޅުމާލެ ފޭސް ތިނަކުން ނުހިއްކާ އޮތް ބައި ހިއްކަން، އެ ސަރަހައްދުގެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން މިއަދު އަންގައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީއާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ކަނޑުގެ އުޅަނދުތައް ނެގުމަށެވެ.

ވަކިން ހާއްސަކޮށް ރަތްކުލައިން ފާހަގަވާނޭގޮތަށް އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑުގެ އުޅަނދުތައް މި މަހުގެ 23ވަނަ ދުވަހުގެ 00:00ގެ ކުރިން ނެގުމަށް ވަނީ އަންގައިފަ އެވެ.

މީގެެ އިތުރުން އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ އަންގައިފަ އެެވެ.

ހުޅުމާލެ ތިނަކުން ހިއްކަން ނިންމާފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ހިއްކާ ނިމުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ މިހާރު ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ހިންގާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ.

އެޗްޑީސީން އެ ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު