ޚަބަރު
ފޭސް ދޭއްގައި ރެސިޑެންޝިއަލް އިމާރާތްތައް އަޅަން އެޗްޑީސީން ބިން ވިއްކަނީ
ހުޅުމާލެ ފޭސް ދޭއް. -- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކްސްޑް ޔޫސް 10 ޓަވަރު އަޅަން، އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް 112،288.14 އަކަފޫޓުގެ ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން އިއުލާނު ކޮށްފި އެވެ.

އެޗްޑީސީން ވަނީ މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެއީ، ހުޅުމާލެ 2 ގައި މީހުންނަށް ދިރިއުޅެވޭނެ ގޮތަށާއި ވިޔަފާރި ކުރެވޭނެ ގޮތަށާއި ޕާކިން އާއި އިތުރު އާންމު ހިދުމަތްތަކާ އެކު ހަދާ މިކްސްޑް ޔޫސް ރެސިޑެންޝިއަލް އިމާރާތްތަކެއް ކަމަށް ވެސް އެ ކުންފުނީގެ އިއުލާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއަށް، އެއް ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ލިބިއްޖެނަމަ، އިސްކުރާނީ އެޗްޑީސީގެ ވިޝަނާއި ސްޓްރެޓެޖިކް މަގްސަދުތަކާއި މާސްޓާ ޕްލޭނާ އެންމެ ގުޅޭ ހުށަހެޅުންތައް ކަމަށެެވެ.

އަދި ހުށަހެޅުންތައް ވަޒަންކުރުމުގައި، ހުށަހަޅާފައިވާ ބިމުގެ އަގާއި ފައިސާ ދެއްކުމުގެ މުއްދަތު އަދި ފައިނޭންސްކުރުމުގެ ގާބިލުކަމަށް ބެލެވޭނެ ކަމުގައި ވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓްތަކުގެ އުތުރަށް އޮންނަ ބޮޑު ބިމުން ބައެއް ވިއްކައިގެން ހިންގާ މި މަޝްރޫއު ހަވާލު ކުރާނެ ފަރާތެއް ކަނޑައަޅާނީ އެޗްޑީސީގެ ސިޔާސަތުތަކާ ގުޅޭ ގޮތަށް އެންމެ ފުރިހަމަ ޕްރޮޕޯސަލްއަކާއި އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ އިއުލާނާ އެކު އާންމުކޮށްފައިވާ ބިމާ ބެހޭ ތަފުސީލުގައިވާ ގޮތުން އެއީ 9،000 އަކަފޫޓާއި 15،100 އަކަފޫޓާ ދެމެދުގެ 10 ބިމެވެ. އެ ބިންތަކުގައި އިމާރާތްކުރަން ޖެހެނީ 14 ބުރީގެ ހަ ޓަވަރާއި 20 ބުރީގެ ދެ ޓަވަރު އަދި 15 ބުރީގެ ދެ ޓަވަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު