ޚަބަރު
މަސްވެރިންނަށް ނުދީ އޮތް ފައިސާ ދިނުން އޮތީ އެޖެންޑާގެ އެންމެ ކުރީ: މިނިސްޓަރު
މަސްވެރިންނަށް ނުދީ އޮތް ފައިސާ ދިނުން އޮތީ އެޖެންޑާގެ އެންމެ ކުރީގައި ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ, ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އީދަށް ވީއިރުގައި މަސްވެރިންނަށް ނުދެއްކި ހުރި ފައިސާގެ އަދަދަކީ 90 އެތައް މިލިއަން ރުފިޔާއެއް ކަމަށްވާއިރު, އީދު ބަންދުގެ ކުރިން އެ ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދިނުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިންނަށް ނުދީ އޮތް ފައިސާ ދިނުމުގެ މަސައްކަތް އެޖެންޑާގެ އެންމެ ކުރީގައި މިއޮތީ. މި ހަފްތާ ތެރޭގައި ވެސް ކުރާނެ އެންމެ ބޮޑު މަސައްކަތަކީ މިވަގުތު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާވެސް އަވަަހަކަށް ދައްކާ ހަލާސްކުރުން," ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސް ގަތުމަށްޓަކައި ދައުލަތުން ސަބްސިޑީގެ ގޮތުގައި މިހާތަނަށް 270 މިލިއަން ރުފިޔާ މިފްކޯއަށް ދީފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ތެލާއި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ފިލައިގެން ނޫޅޭނެ ކަމަށާއި މަސްވެރިން އިހުތިޖާޖު ކުރުމުން ސަރުކާރުން އެކަމާއި ނުރުހުން ފާޅު ނުކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފެނި، މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު