ޚަބަރު
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަތުވެއްޖެ
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ދިވެހިން އެނބުރި ގައުމަށް އަންނަން މިއަދު ފަށައިފި އެވެ.

ރާއްޖެއިން މި އަހަރު ޖުމުލަ 1،150 މީހުން ވަނީ ޙައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. އެ އެންމެން ވެސް ޙައްޖަށް ދިޔައީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ޙައްޖުވެރިން މިހާރު އަންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން، މިއަދު މެންދުރު 1:50 އެހާކަންހާއިރު ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ވަނީ މާލެ އައިސްފައެވެ. އެ ފްލައިޓުގައި 296 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ހައްޖުވެރިން ރާއްޖެއަށް އަންނާނީ މިއަދާއި، ޖޫން 28 އަދި ޖުލައި އެކަކާއި ހަަތަރުވަނަ ދުވަހު އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ އެކަކު ވަނީ ނިޔާވެފަ އެވެ.

މީގެ އިތުރުން ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން 50 މީހުން މި އަހަރު ވަނީ ހައްޖަށް ގެންގޮސްފަ އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މިއަދު ރާއްޖެ އަންނަން ފަށާފައިވާއިރު ރާއްޖެއިން ކުރިއަށް ގެންދިޔަ ހައްޖުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ރަނގަޅު ކުރަން ހުރި ކަންކަން ކުރިއަށް އޮތް އަހަރު ރަނގަޅު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު