ޚަބަރު
މާފުށި ޖަލުން ގިނަ އަދަދެއްގެ ފޯނާއި ބަނގުރާ އަތުލައިގެންފި
މާފުށި ޖަލުން އަތުލައިގެން ފޯނުތަައް.-- ފޮޓޯ: ޕޮލިސް
ކ. މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ބަލާ ފާސްކުރި އަށް ޔުނިޓުން 29 ފޯނާއި އެހެން ބައެއް އިލެކްޓްރޯނިކް ސާމާނާއި ބަނގުރާ އަތުލައިގެންފި އެވެ.

ލުހުން ވިދާޅުވީ، އެތަކެތި އަތުލައިގެންފައިވަނީ މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެ ކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ޤާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރުގެ އެދިލެއްވުމުގެ މަތިން، ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ 183 ފުލުހަކާއި އެމްއެންޑީއެފްގެ 81 ސިފައިންގެ އިތުރުން ކަރެކްޝަންސްގެ 40 އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނެފައިވަނީ މިއަދުގެ އޮޕަރޭޝަންގައި ޖަލުގެ 8 ޔުނިޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި ޔުނިޓްތަކުން 29 ފޯނު، 17 ޗާޖަރު، 12 ހެޑްސެޓު، 3 ޕެންޑްރައިވް، 3 އިއަރޕޮޑް، 3 ކޭބަލް އަދި 2 ސިމް ކާޑު ހޯދާފައިވާ ކަމަށެވެ. އަދި 4 ބޮގަރު ފުޅި ވެސް ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ ބޮޑު އޮޕަރޭޝަން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެ ޖަރީމާގައި ބައިވެރިވާ ކަމަށް 18 އޮފިސަރަކަށް ތުހުމަތު ކުރެވޭއިރު، މިހާތަނަށް 13 އޮފިސަރަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު