ޚަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދު: ފުވާދު
އިލެކްޝަންސް ކޮމިޝަނުންގެ މެންބަރުން ފުވާދު ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކޮށްފަ
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ސަރުކާރުން ގެންގުޅުއްވާ ރަނގަޅު ވިސްނުމެއް ކަމަށާއި، މިކަމުގެ ސަބަބުން ވޯޓުލާ މީހުންގެ ނިސްބަތްވެސް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެއްވޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައި ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަންގަވާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު މީގެ ތިން ދުވަސް ކުރިން ވަނީ އިއުލާން ކުރައްވާފައެވެ.

"އެހެންވީމާ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު މިކަމުގައި އެބައޮތް. ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. ރައްޔިތުން މިގޮތަށް ނިންމައިފިއްޔާ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ދެން 2028 ގައި މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް." ރައީސް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް އެކި ފަހަރުމަތިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި ކުރީގެ ސަރުކާރުތަކުގައިވެސް ދަންނަވާފައިވާނެ ކަމަށެވެ. އެގޮތުން، ދެ އިންތިހާބުގެ ދޭތެރޭގައި ހޭދަވާ ކުރު މުއްދަތުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން އަދި ވޯޓުލާ މީހުންނަށްވެސް ބުރައަކަށްވެގެންދާ ކަމަށްވެސް ފުވާދު ވިދާޅުވި އެވެ.

ފުވާދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތްގޮތުން ދެ އިންތިހާބު އެކުގައި ބޭއްވުމަކީ މިވަގުތަށް ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. 

ދެ އިންތިހާބު އެއްކޮށްލުމަކީ މިވަގުތު އެންމެ ފައިދާ ހުރި ގޮތް ކަމުގައިވިޔަސް އެކަން ކުރެވޭނީ ގާނޫނުއަސާސީ ގައިވާ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުންގެ އަގުލަބިއްޔަތުން އެކަމަށް ތާއީދުކުރުމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު