ޚަބަރު
ޒިފްލީނާ 3.5 މިލިއަނަށް ފްލެޓް ބައްލަވައިގެން މައްސަލަ އޭސީސީއަށް ހުށަހަޅައިފި
ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒިފްލީނާ ހަސަން
ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒިފްލީނާ ހަސަން، އަގުބޮޑު ފްލެޓެއް ބައްލަވައިގަތީ ނަހަމަގޮތުގައި ހޯދި ފައިސާއިން ކަމަށް ތުހުމަތުކުރާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އާންމު ފަރާތަކުން މި މައްސަލަ ފުރަތަމަ ހުށަހަޅާފައިވަނީ ފުލުހުންނަށެވެ. އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ކަމަށްވާތީ އެ މައްސަލަ ފުލުހުން ވާނީ އޭސީސީ އަށް ފޮނުވާފަ،" ޝިފާން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އޭސީސީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ޒިފްލީނާ ފްލެޓް ބައްލަވައިގަތީ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވައިގެން ނަހަމަގޮތުގައި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޒިފްލީނާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ، ފްލެޓެއް ބައްލަވައިގަތީ މިދިޔަ ސަރުކާރުގައި މަގާމުގެ ލިބުމުގެ ކުރިން ކަމަށާއި އެ ތަނުގައި ދިރިއުޅުއްވާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޒިފްލީނާ އަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ އޯގަސްޓް 19، 2019 ގަ އެވެ.

"... މީޑިއާގައި މިވާހަކަ ލިޔުމުން ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ހިންގާ ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑު ބުނި ކަމަށް ބުނެ، ބޭއަދަބީ ބަސްތައް ބޭނުންކޮށް އަޅުގަނޑުގެ ފޮޓޯ އެކި ގޮތްގޮތަށް ހަދައިގެން އަބުރު ކަތިލުމުގެ މަސައްކަތް ކޮށްފައިވާތީ ވެސް ހިތާމަކުރަން،" ޒިފްލީނާ ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު