ދުނިޔެ
ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ބައިޑެން ނިންމައިފި
އުމުރުން 81 އަހަރުގެ ބައިޑެން
އެމެރިކާގައި މިއަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން އެގައުމުގެ މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޖޯ ބައިޑެން ނިންމައިފި އެވެ.

ބައިޑެން ރިޔާސީ ރޭހުން މި ވަކިވެވަޑައިގަތީ އިދިކޮޅު ރިޕަބްލިކަންގެ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ރޭހުގައި ކުރިމަތިވެ ވަޑައިގަތް ލަދާ އެކު ބައިޑެންގެ ގާބިލްކަމާ މެދު ސުވާލު އުފެދި އޭނާ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ފިއްތުން ކުރިމަތިވުމުންނެވެ.

އުމުރުން 81 އަހަރުގެ ބައިޑެން ވިދާޅުވި ގޮތުގައި އޭނާ މިގޮތަށް މި ނިންމެވީ "ގައުމާއި ޕާޓީ އަށް އެންމެ ރަނގަޅު ގޮތް" ކަމަށް ވާތީ އެވެ.

ބައިޑެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ގައުމަށް ހިދުމަތް ކުރެއްވުމަކީ ލިބިވަޑައިގަތް ބޮޑު ފަހުރެއް ކަމަށާއި މި ހަފްތާގެ ފަހުކޮޅު ރަސްމީކޮށް ގައުމާ މުހާތަބުކުރައްވައި ވާހަކަ ދައްކަވާނެ ކަމަށެވެ.

"އާ ދައުރަކަށް ވާދަކުރަން އަޅުގަނޑު ބޭނުންވިޔަސް، އެ ވިސްނުން ދޫކޮށްލައި ރިޔާސީ ދައުރުގެ ބާކީ އޮތް ދުވަސްތަކަށް އެކަނި ފޯކަސްކޮށްގެން މަސައްކަތްކުރުމަކީ ޕާޓީ އާއި ގައުމަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ބައިޑެން ލިޔުއްވާފައިވެ އެވެ.

އެމެރިކާގައި ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކު ރައީސް ކަމުގައި ހުންނަވަނިކޮށް ޕާޓީގެ ތެރެއިން ފިއްތުއްތައް ކުރިމަތިކޮށްގެން ދެވަނަ ދައުރެއް އެންމެ ފަހުން ލިބިވަޑައިނުގެންނެވި ރައީސް އަކީ 1968 ވަނަ އަހަރު އެމެރިކާގެ 36 ވަނަ ރައީސް ލިންޑަން ބީ ޖޯންސަން އެވެ. އޭގެފަހުން މިފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ރައީސަކަށް ވެފައި މިވަނީ ބައިޑަން އެވެ.

ރިޔާސީ ރޭހުން ބައިޑަން ވަކިވެވަޑައިގަތުމާ ގުޅިގެން ޑިމޮކްރެޓް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ މިހާރުގެ ނައިބް ރައީސް ކަމަލާ ހެރިސްއަށް ކަމަށް މުރާސިލު ލަފާކުރެ އެވެ. ޑިމޮކްރެޓުން ގެންދަނީ އެމެރިކާގައި ކަމަލާއަށް ތާއީދު އޮތް މިންވަރުވެސް ބަލަމުންނެވެ. ކަމަލާއަށް ޓިކެޓް ކަށަވަރު ވާނީ ޑިމޮކްރެޓުންގެ ކަމާ ގުޅުންހުރި ގުނަންތަކުގެ އިސް ބޭފުޅުން ސައްލާ ކުރެއްވުމަށްފަހު ކަމަލާއަށް ޓިކެޓް ދޭން ނިންމުމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު