ޚަބަރު
އަމާޒެއް؛ ތައުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ބޭތިއްބުން
އިމާދުއްދީން ސްކޫލްގެ ޓީޗަރު ކުދިންނަށް ކިޔަވައިދެނީ --- ފޮޓޯ: ސަން
ރާއްޖޭގެ ތައުލީމީ ދާއިރާގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭ ގޮތަށް ހެދުމުގެ ބޮޑު މަޝްރޫއު އަންނަ ސެޕްޓެންބަރު މަހު ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް ނުވަ މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމަށެވެ.

"އޭގެ ދަށުން ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ. މަތީ ސާނަވީއަށް ކިޔަވަން ދިވެހި ކޮންމެ ކުއްޖަކު ބޭނުންވޭ، ކޮންމެ އާއިލާއަކުން ބޭނުންވޭ، 23 ރަށެއްގައި 23 ސްކޫލެއްގައި މިހާރު އެވަނީ ފެށިފައި އިތުރަށް،" ރައީސް ވިދާޅުވި އެވެ.

ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިން ބޮޑުކުރަން ގައުމީ ލޯބީގައި، އިރާދަކުރެއްވިއްޔާ ގައުމިއްޔަތުގެ ދާއިރާއިން އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަ،" ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގައި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފަށާފައި، ސްކޫލް އެސެމްބްލީގައި މިހާރު ގައުމީ ސަލާން ކިޔަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުނުއިރު:

ދިރާސީ އާ އަހަރު ފެށިއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 ދަރިވަރުން ކިޔަވާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މީގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ. އޭގެ ތެރެއިން 9000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން ދިރާސީ އާ އަހަރު މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ވައްދާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

- މިއަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،250 ދަރިވަރުން އެންރޯލް ކޮށްފައިވޭ

- މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކަށް ވަނުމަށް 2081 ދަރިވަރުން ހުށަހެޅި

- މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1000 އެއްހާ ދަރިވަރުން ބަދަލުވި

- ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތްކުރާނެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުން.

- މި އަހަރުގެ ތެރޭގައި ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއް ފަށާނެ.

- ޓީޗަރުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ.

- 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ

- ކުރީ އަހަރެކޭ އެއްގޮތަށް ސެޓްލައިޓް މެދުވެރިކޮށް މިއަހަރު ވެސް ހަ ސްކޫލެއްގައި ކިޔަަވައިދޭނެ. އެއީ ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލު، ކޮނޑޭ ސްކޫލު، ރަކީދޫ ސްކޫލު، އަދި ވ. ތިނަދޫ ސްކޫލާއި އދ. ދިއްދޫ ސްކޫލް.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު