ޚަބަރު
ޒިފްލީނާ ފްލެޓް ގަތް މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވަނީ
ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން
ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރ، އަބްދުﷲ ޝަހީދުގެ އަނބިކަނބަލުން، ޒިފްލީނާ ހަސަން ހުޅުމާލޭގެ ފްލެޓެއް 3.5 މިލިއަން ރުފިޔާއަށް ގަތް މައްސަލަ ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ޒިފްލީނާ އެޕާޓުމެންޓެއް ބައްލަވައިގެންނެވި މައްސަލަ ފެންމަަތިވީ އެފްޑަބްލިއު ރެޒިޑެންސްއިން އޭނާ ބައްލަވައިގެންފައިވާ 1،200 އަކަފޫޓުގެ ފުލެޓުގެ މިލްކުވެރިކަން އޭނާގެ ނަންފުޅަށް ބަދަލު ކުރެއްވުމަށް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ނިންމުމާ ގުޅިގެން ނޫސްތަކުން އެ ނިންމުން ރިޕޯޓުކުރުމުންނެވެ.

އެފްޑަބްލިއު ރެޒިޑެންސްއިން ޒިފްލީނާ ބައްލަވައިގަތް އެޕާޓުމެންޓުގެ އަގަކީ 3.5 މިލިއަން ރުފިޔާ އެވެ. އެ ފަައިސާ އޭނާ ދައްކަވައި ހަލާސް ކުރެއްވުމުން އެ އެޕާޓުމެންޓުގެ މިލްކުވެރިކަން ކޯޓުން އޭނާއަށް ބަދަލުކޮށްދީފައިވެ އެވެ.

ޒިފްލީނާ ފުލެޓު ބައްލަވައިގެންނެވި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ފުލުހުންނެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ފުލެޓު މައްސަލަ އަމިއްލަ ފަރާތަކުން ފުލުހުންގެ އިދާރާއަށް ހުށަހެޅުމާ ގުޅިގެންނެވެ.  

މައްސަލަ ހުށެހެޅިތާ މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމާ ކޮރަޕްޝަނުގެ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަން، އޭސީސީގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެ އެވެ.

ނަމަވެސް މިވަގުތު ތަހުގީގުގެ އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލަ ހުށަހެޅީ ޖުލައި 14، ގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު