ޚަބަރު
އިއްޔެ އުޅުނީ މާލީ ބަޣާވާތެއް ގެންނަން: ޝިޔާމް
އިދިކޮޅު އެމްޑީޕީން އަޑީގައި ތިބެގެން މާލީ ބަޣާވާތެއް ހިންގަން މަސައްކަތްކުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިރޭ ތުހުމަތު ކުރައްވައިފި އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ބަޣާވާތަކީ އެމްޑީޕީން ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި ބަޣާވާތުގެ ވަރަށް ގިނަ ވައްތަރުތައް ހުންނަ ކަމަށެވެ. އެގޮތުން އިއްޔެ އިރު އެރިއިރު އެމްޑީޕީ އަޑީގައި އޮވެގެން މާލީ ބަޣާވާތެއް ގައުމަށް ގެންނަން މަސައްކަތް ކުރި ކަމަށް ޝިޔާމް ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން ނިންމުން ނިންމި އިރުގައި، އެމްޑީޕީ ސަރުކާރުގައި މަސައްކަތް ކުރި ބޭފުޅުން ޕްރެސްކޮންފަރެންސްގައި ތިބީ އެ ވާހަކަ ދައްކަވަން ކަމަށާއި އެއީ އިއްތިފާގެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އިއްޔެ ހިންގަން އުޅުނު ބަގާވާތް ކާމިޔާބު ނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާބިލުކަމުންނެވެ. އަދި އެމަނިކުފާނާއެކީ މަސައްކަތް ކުރުމަކީ ފަހުރެއް ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އިއްޔެ ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވީ ރައީސް ކުރެއްވި މަސައްކަތުން ކަމަށެވެ.

ޝިޔާމް މި ވާހަކަތައް ދެއްކެވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ، އިއްޔެ ހިނގައިދިޔަ ކަންކަމަކީ ގާނޫނީ ސަރުކާރު ވައްޓާލަން ރޭވިގެން ހިނގި އަމަލެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަން އިއުލާންކޮށްފަ އެވެ.

ސަރުކާރުން މިގޮތަށް ކަންކަން ސިފަކޮށްދޭން މަސައްކަތްކުރާ އިރު، މިހާރު ބީއެމްއެލްގެ ބޯޑުގައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ސްލޮޓުތަކުގައި ތިބި އެންމެންނަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން، ސަރުކާރުން ހުށަހަޅައިގެން ބޯޑަށް އައްޔަންކޮށްފައި ތިބި މީހުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު