ޚަބަރު
ބިދޭސީން ހޯދަން އަތޮޅު ތެރޭގައި އޮޕަރޭޝަން ހިންގަނީ
ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން މާލެ ސަރަހައްދުގައި އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ ބޮޑު އޮޕަރޭޝަން އަތޮޅުތަކަށް ވެސް ފުޅާކުރަން ނިންމައިފި އެވެ.

އިމިގްރޭޝަނުން އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ މި އޮޕަރޭޝަންތަކާ އެކު ގިނަ ބަޔަކު މާލެއިން ބޭރަށް ފުރަމުންދާ މައުލޫމާތު އެ އިދާރާއަށް ވެސް ލިބެމުންދާ ކަމަށެވެ.

އެހެންވެ، މި އޮޕަރޭޝަންތައް އަތޮޅު ތެރެއަށް ފުޅާކުރާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރެއިޑް އޮޕަރޭޝަންތަކާއި މި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތައް އަޅުގަނޑުމެން އަތޮޅު ތެރެއަށް ފުޅާ ކުރާނަން. އޭރުން މުޅި ހައްލެއް ތިކަމުގައި ރަށްރަށަށް ވެސް ދެވިގެންދާނެ ކަމަށް ގަބޫލު ކުރަނީ،" ޝައްމާން ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންނަ އަންނަ އިރި، ރާއްޖޭގައި މިހާރު ބިދޭސީން ނޫޅޭ ރަށެއް ނެތެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރިއަށް ގެންދާ އިރު، ހޯމްލޭންޑް މިނިސްޓްރީން މިހާރު އަންނަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރަން "ކުރަނގި" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. މި މަސައްކަތް ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް މިހާރު އަންނަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މި މަހުގެ 26 އާ ހަމައަށް 3،000 އަށް ވުރެ ގިނަ ގަވާއިދާ ހިލާފު ބިދޭސީން ޑީޕޯޓްކޮޑްފައިވެ އެވެ. މިފަދަ މައްސަލަތައް ރިޕޯޓްކުރަން "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޕްލެޓްފޯމެއް ވެސް އޮތީ ތައާރަފުކޮށްފަ އެވެ.

އެއަށް މިހާތަނަށް 500 އާ ގާތްކުރާ އަދަދަކަށް މައްސަލަތައް ރިޕޯޓްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު