ޚަބަރު
ސައިހޮޓާތަކެއްގައި ދިރިއުޅުނު ބިދޭސީންތަކެއް ހިފަހައްޓައިފި
އިމިގްރޭޝަންގެ އޮޕަރޭޝަންގައި ބިދޭސީންނާ ސުވާލުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް އެ އިދާރާގެ ޓާސްކް ފޯހުން ހިންގާ އޮޕަރޭޝަންގައި މިދިޔަ ހޯމަ ދުވަހު މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

އޭގެ ތެރޭގައި ދެ ގެއަކާއި ދެ ސައިހޮޓާ ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ އިދާރާ އިން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ހަތް ބިދޭސީއަކު އެ ތަންތަނުން ހިފަހައްޓާފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހިންގާ ހާއްސަ އޮޕަރޭޝަނުގައި އިމިގްރޭޝަނާއެކު ކަމާގުޅުން ހުރި އިދާރާތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ފާއިތުވި މުއްދަތުގެ ތެރޭގައިވެސް މާލެއާއި މާލޭ ސަރަޙައްދުގައި ބިދޭސީން ހަރަކާތްތެރިވާ އެކި ތަންތަނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ވަނީ ތަފާތު އޮޕަރޭޝަންތައް ހިންގާފަ އެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު