ޚަބަރު
ފުލުހުން ސިޔާސީ ނުކުރަން މިނިސްޓަރު އެދިވަޑައިގެންފި
ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ނުވައްދަން އެދިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިކަމަށް އިލްތިމާސް ކުރައްވާފައި މިވަނީ ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށް ބީއެމްއެލް އިން މިދިޔަ އާދިއްތަ ދުވަހު ހެނދުނު ނިންމި ނިންމުމަށްފަހު އެ ދުވަހު ހިނގާދިޔަ ބައެއް ކަންކަމަކީ "ބަޣާވާތެއްގެ" ސިފަ ހުރި ކަންތައްތަކެއް ކަމަށް ބުނެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ނިންމުމާ އެކު އެ އިދާރާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެންނެވެ. 

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ވައްޓާލަން ގޮވާލުމުން އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބަލަން އެ ސަރުކާރު އިންތިހާބު ކުރި ރައްޔިތުން ބޭނުންވާނެ ކަމަށެވެ.

އޭގެ ޖަވާބު ދެވޭނީ އެކަށީގެންވާ ތަހުގީގެއް ކޮށްގެން ކަމަށާއި އެފަދަ ތުހުމަތެއް ކުރެވިއްޖެ ނަމަ ފުލުހުންގެ އިދާރާ އިން ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުލުހުން މައްސަލައެއް ތަހުގީގު ކުރަން ފެށުމަކީ ގޮތެއް ނިންމުމެއް ނޫން ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެ މައްސަލަ ތަހުގީގު ކޮށްފަ ކަމެއް އޮތިއްޔާ ފިޔަވަޅު އަޅާނެ, ނެތިއްޔާ ނެތް ވާހަކަ ވެސް ރައްޔިތުންނަށް ސާފު ކޮށްދޭނެ،" އިހުސާން ވިދާޅުވި އެވެ. އިހްސާން އިތުރަށް ވިދާޅުވީ ފުލުހުން މިމައްސަލަ ތަހުގީގު ކުރާނެ ކަމަށާއި މިއީ އެއްވެސް މީހަކު ހާސްވެ ފިކުރު ބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

"[ސީޕީގެ އިސްތިއުފާއަށް ގޮވާލުން] މިއީ ވަރަށް ޣައިޒު ޒިންމާދާރު ކަމެއް، ފުލުހުންގެ ޕްރައިމަރީ އެއް މަސައްކަތަކީ ތަހުގީގު ކުރުން. ތަހުގީގު ކުރަން ފެށީމަ އިސްތިއުފާ ދޭން ޖެހޭ ކަމަށްވަންޏާ މިއީ ތާކުންތާކު ޖެހޭ ކަމެއް ނޫނެއް ނޫންތޯ މިކުރަނީކީ،" އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން މީގެ ފަހުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރާ ރަސްމީ މަސައްކަތްތަކުގައި ސިޔާސީ ފަރާތްތަކުން އެ ތަންތަނުގެ ބޭފުޅުންގެ އިސްތިއުފާއަށާއި އެ ތަންތަނުގެ އިއްޒަތާއި ހައިބަތު ގެއްލޭ ގޮތަށް ވާހަކަ ނުދެއްކެވުން."


ބީއެމްއެލްގެ ނިންމުމާ އެކު ހިނގާދިޔަ ކަންކަން ތަހުގީގުކޮށް މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު