ޚަބަރު
މަސްދަޅު ކޭސްތައް މިމަހު ފަލަސްތީނަށް ފޮނުވަނީ
ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވަން ނިންމާފައިވާ ދެ މިލިއަން މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓު އަންނަ އާދިއްތަ ދުވަހު ފޮނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެިރންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ފަލަސްތީނަށް ހަދިޔާކުރަން ހަމަޖެހިފައިވާ 7،800 މަސްދަޅު ކޭހުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 15ވަނަ ދުވަހު ޝިޕްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހީނާ ވިދާޅުވީ ޝިޕްމަންޓް ފުރަތަމަ ލިބޭނީ މިސްރުގެ ރެޑް ކްރެސެންޓަށް ކަމަށާއި ފަލަސްތީނުގެ ރެޑް ކްރެސެންޓަށް އެ ޝިޕްމަންޓް ލިބޭނީ އޭގެ ފަހުން ކަމަށެވެ.

"އެންމެ ފުރަތަމަ ޝިޕްމަންޓް އިރާދަކުރެއްވިއްޔާ މި މަހުގެ 15ވަނަ ދުވަހު މިހާރު ފުރުވާލުމަށްޓަކައި ރެޑީ ވެފައި މިވަނީ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތުގައި އެ ކޭސްތައް ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނީ ޝިޕްކުރާތާ ގާތްގަނޑަކަށް 40 ދުވަހަށް ފަހު ކަމަށެވެ.

ރާއްޖޭން ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައިވާ ދެ މިލިއަން މަސްދަޅަކީ މިދިޔަ އޮކްޓޫބަރު މަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޮނުވަން ނިންމާފައިވާ މަސްދަޅުތަކެކެވެ.

އެ މަސްދަޅުތައް ފޮނުވުން ލަސްވެގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ބުނީ އެ ގައުމަށް އެއްޗެހި ފޮނުވުމުގައި ދަތިތަކެއް ހުރެގެން ފޮނުވުން ލަސްވަނީ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ "ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯންއަށް ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް އެހީވާ އދ.ގެ ޖަމާއަތް ކަމަށްވާ އަންރުވާއަށް ވަނީ ފޮނުވާފަ އެވެ. އެ ފައިސާ ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު