ޚަބަރު
މިނިވަން ނޫސްވެރިކަން ނައްތާލަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ: ފައްޔާޒް
މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ "އަދަދު އޮންލައިންގައި" ޝާއިޢުކުރި ހަބަރަކާއި ގުޅިގެން އެ ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފައިވާ ދަނޑިވަޅެއްގަ އެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން ކަމަށާއި މިނިވަން ނޫސްވެރިކަން ސަރުކާރަށް ނައްތައެއް ނުލެވޭނެ ކަމަށެވެ.

"ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "އަދަދު އޮންލައިން" ގައި ޝާއިޢުކުރި ހަބަރަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު