ދުނިޔެ
ޕްރިފަރެންސް ވޯޓުތަކުން ވެސް ކުރި ހޯދާ ލަންކާގެ ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކަށަވަރު ކުރައްވައިފި
ސްރީލަންކާގެ އާ ރައީސްއަކު ހޮވަން އިއްޔެ ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިހާބު ސްރީލަންކާގެ ވާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ޖަނާތާ ވިމުކްތީ ޕެރަމޫނާ ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކެ 55, ކާމިޔާބު ކުރައްވައިފި އެވެ.

އޭނާ އެ އިންތިހާބު ކާމިޔާބު ކުރެއްވިކަން ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރެއްވީ ޕްރިފަރެންސް ވޯޓުތަކުން ކުރި ހޯއްދަވައިގެންނެވެ. ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ހަމަޖެހިފައި އޮންނަނީ ކޮންމެ މީހަކަށް ވެސް ވެރިކަމަށް ގެންނަން އެންމެ ބޭނުންވާ ތަރުރީބަކުން ތިން ކެންޑިޑޭޓަކަށް ވޯޓު ދޭ ގޮތަށެވެ.

އެ އިންތިޚާބުގައި 38 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައިނުވެއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރަށް ވޯޓު ގުނައިފައެވެ. މިއީ ލަންކާގެ ތާރީޚުގައި ވެސް، ދެވަނަ ބުރަށް ވޯޓު ގުނަން ޖެހުނު ފުރަތަމަ ފަހަރެވެ.

ދެވަނަ ބުރުގައި ވޯޓު ގުނިއިރު ބަލައިފައިވަނީ، އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި އެހެން ކެންޑިޑޭޓުން ޚިޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ދެވަނައަށް ނުވަތަ ތިންވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި ޑިސަނަޔަކަ ނުވަތަ ޕްރަމަދާސަ ޚިޔާރުކޮށްފައިވޭތޯއެވެ. އެގޮތުން ޚިޔާރުކޮށްފައިވާ ނަމަ އެއީ އެ ކެންޑިޑޭޓަކަށް ލިބޭ ވޯޓެއްގެ ގޮތުގައި ގުނައެވެ.

އެގޮތަށް ވޯޓު ގުނުމަށް ފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑިސަނަޔަކަ ކަން އިއުލާންކޮށްފަ އެވެ. އަދި މާދަމާ އޭނާ ވެރިކަމުގެ ހުވާކުރައްވާނެ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

މިއީ ސްރީލަންކާގެ ތާރީހުގައި ރިޔާސީ އިންތިހާބެއްގައި ޕްރިފަރެންސް ވޯޓު ގުނަން ޖެހުނު ފުރަތަމަ ފަހަރެވެ.

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ މިވަގުތު ދައްކާގޮތުން ޑިސަނަޔަކެއަށް 5.63 މިލިއަން ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންފައި ވަނީ 4.36 މިލިއަން ވޯޓެވެ.

2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޑިސަނަޔަކަ ވާދަކުރެއްވި ނަމަވެސް އޭނާއަށް ލިބިވަޑައިގަތީ ތިން ޕަސެންޓް ވޯޓެވެ. އަދި ގާނޫނު ހަދާ މަޖިލީހުން އެ ޕާޓީއަށް ނިސްބަތްވަނީ ތިން ގޮނޑިއެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު